ޚަބަރު
ދަރަނިން ލިބޭ ގެއްލުން ލުއިކޮށްދިނުމާ ދެމެދު އޮންނަގުޅުން ހަރުދަނާކުރުމަށް އެދިއްޖެ
ރައީސް މުއިއްޒު، ސިޑްސްގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަށް ކުރިމަތިވެފައިވާ ދަރަނީގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ކްލައިމެޓް ފައިނޭންސާއި ދަރަނިން ލިބޭ ގެއްލުން ލުއިކޮށްދިނުމާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

"ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް" ސައިޑް އިވެންޓްގައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއަރގެ ހައިސިއްޔަތުން ރައީސް ދެއްކެވި ވާހަކަފުޅުގައި، ސިޑްސްގެ ނާޒުކުކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށް ސިޑްސްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. 

އަދި ދަރަނި ލުއިކުރުމާއި ކްލައިމެޓް ފައިނޭސްއާ ދެމެދު ހަރުދަނާ ގުޅުމެއް އޮންނަންޖެހޭކަމަށް ވަކާލާތުކުރައްވައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީ.އެސް.އެސް.އެސް)ގެ ތެރެއިން ދަރަނި ދެއްކުމަށް އެކަށޭނަ، ފަހިގޮތްތަކެއް ހޯދުމަށް ރައީސް ގޮވާލެއްވި އެވެ. މީގެތެރޭގައި އިންޓްރެސްޓް ރޭޓް ދަށްކުރުމާއި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކުރުންފަދަ ކަންކަމަށް ސަމާލުކަންދިނުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފަ އެވެ.

ސިޑްސްގެ ގައުމުތަކަށް ކުރިމަތިވެދާނެ ބޭރުގެ ލޮޅުންތައް ކުޑަކޮށް މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ސްޕެޝަލް ޑްރޮވިންގ ރައިޓްސް އަލުން އެކަށައެޅުމަށް ރައީސް ޑރ. މުއިއްޒު ވަނީ ހުށައަޅުއްވާފަ އެވެ. 

މިގޮތުން މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު ގާތް ގުޅުމެއް ބޭއްވުމުގެ ތެރެއިން އިތުރު އިންވެސްޓްމަންޓްތަކާއި އިގުތިޞާދީ އެކިއެކި ފުރުސަތުތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެ އެވެ.

ރައީސް ވަނީ ސިޑްސްގެ ގައުމުތަކުގެ ތަރައްގީގެ ކަންކަން އަމިއްލަ އިސްނެގުމާއެކު ކުރިޔަށްގެންގޮސް އުފެއްދުންތެރިކަން އިތުރުކޮށް، ހަރުދަނާ މުއައްސަސާތައް ބިނާކޮށް، މުޖުތަމައުތައް ބާރުވެރިކޮށް، ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފަ އެވެ. 

ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތައް (ސިޑްސް) އިން ބައިނަލްއަގުވާމީ އިގުތިޞާދީ ހަލަބޮލިކަމުގެ ތެރޭގައި އެގައުމުތަކުގެ އިގުތިޞާދުތައް ސިންދަފާތުކޮށް ކުރިއަށް ދިއުމުގެ މުހިންމުކަން ފާހަގަކުރައްވައި އެ ގައުމުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މާލީގޮތުން ބޭނުންވާ ކަންކަން ހަމަޖެހިގެންދިއުމާއި އަދި ސިޑްސްއަށް ހަމައެކަނި ސަލާމަތުން ކުރިޔަށްދެވޭނެ މިންވަރުގެ ބަދަލުގައި އެގައުތަކަށް ފާގަތިކަން ގެނެސްދިނުމުގައި ޑީއެސްއެސްއެސްއަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމުގެ އުންމީދު އެ މަނިކުފާނު އައު ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން "ސަމިޓް އޮފް ދަ ފިއުޗަރ"ގައި ބައިވެރިވެވަޑައިގަންނަވާ އެ ސަމިޓުގެ މުހިންމު މަޝްވަރާތަކުގެ ރިޔާސަތުވެސް އެމަނިކުފާނު ބެލެހެއްޓެވުމަށްވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު ސަމިޓުގެ ހަވާސާގައި ކުރިއަށްދާ ޙަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދައުލަތްތަކާއި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް މަޝްވަރާތައް ކުރިއަށްގެންދިޔުމަށްވެސްވަނީ ނިންމަވާފައެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ މިދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދ.ގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސް އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ހުޅުވާލާފައިވާ ބަހުޘްގައި ތަގުރީރުކުރައްވާނެ އެވެ. މިއީ ރާއްޖޭގެ ރައީސަކު އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ތަގުރީރުކުރައްވާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު