
މިފްކޯއިން ބުނެފައި ވަނީ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން، އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ މާލެ އަތޮޅު ޕިކްނިކް އައިލެންޑް ކުޑަގިރިއަށް މިފްކޯގެ ސައިޓްތަކުން 500 ގަސް ހަދިޔާކޮށްފައި ވާކަމަށެވެ.އަދި މި ގަސްތައް ހަދިޔާކުރުމަށް މިއަދު މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުޑަގިރީގެ މެނޭޖުމެންޓާއެކު އެރަށުގައި ހަފުލާއެއް ބާއްވާފައި ވާކަމަށް ވެސް މިފްކޯއިން ވަނީ ބުނެފަ އެވެ.އެޗްޑީސީ އާއި ކުޑަގިރީގެ މެނޭޖުމެންޓުން މިފްކޯއަށް ދިން އެހީތެރިކަމާއި އެއްބާރުލުން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.މިފްކޯއިން ކުޑަގިރިއަށް ހަދިޔާ ކުރި ގަސްތަކުގެ ތެރޭގައި ގިނަ އަދަދަކަށް ހިޔާވަހިކަން ލިބޭ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ހިރުނދާއި ދިއްގާގެ އިތުރުން ދިވެހި ރުއްވެސް ހިމެނެއެވެ.މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގަވާނެކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޔޫއޭއީގައި އޮތް "ކޮޕް28" ގަ އެވެ.ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މާލޭގެ އިތުރުން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.ގަސް އިންދުމުގެ ބިޔަ ޕްރޮގްރާމްގައި އިސްކަން ދޭނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާ ކަމަށް 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، ޕްރޮގްރާމްގައި އެ ބާވަތުގެ ގަސްތައް އިންދާނެ އެވެ