ޚަބަރު
އިޒްރޭލު ސިފައިން އަލްޖަޒީރާގެ އޮފީސް ބަންދުކުރުން ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުންނަ އަލް ޖަޒީރާގެ އޮފީހަށް އިޒްރޭލު ސިފައިން ވަދެފަ
ފަލަސްތީނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުންދާ އިޒްރޭލުން ފަލަސްތީނުގެ ސެންޓްރަލް ވެސްޓް ބޭންކުގެ ރާމަﷲ ގައި ހުންނަ އަލްޖަޒީރާ އޮފީހަށް ހަތިޔާރާ އެކު ވަދެގަނެ އެ ތަން ބަންދުކުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ އދ. ގެ މުއާހަދާތަކާއި ނިންމުންތަކަށް ހުރިހާ ގައުމަކުން ވެސް އެއީ ކިތަންމެ ބޮޑު ގައުމެއް ވިޔަސް ކުޑަ ގައުމެއް ވިޔަސް އެއް ހަމައެއްގައި އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

އެއްވެސް ގައުމަކުން ހައްގެއް ނިގުޅައިގަތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އަސާސީ ހައްގުތައް ރައްކާތެރިކުރަން އެންމެ މުހިންމު ކަމަކީ އެ ހައްގުތަކަށް އިހުތިރާމްކުރާ ސަގާފަތެއް އާލާކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް، އިޒްރޭލްގެ އަމަލުތައް ހުރީ އެގޮތަށް ނޫން ކަމަށާއި ދުނިޔޭގެ ގައުމުތަކަށް އެކަމުގައި އެކަށީގެންވާ ފިޔަވަޅެއް ވެސް އެޅިފައި ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ކުށްވެރި ކުރައްވައި އެ ލާއިންސާނީ އަމަލުތައް ދުނިޔެއަށް ގަބޫލުކުރަންވެސް ދަތިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހާލަތުގައި ގާޒާ އޮއްވައި އިޒްރޭލުން މިހާރު ދަނީ ލުބުނާނަށް ހަމަލާދެމުން ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނޫސްވެރިންނަކީ އިންސާނިއްޔަތުގެ ލޯތަކާއި ކަންފަތްތަކުގެ ގޮތުގައި ސިފަކުރައްވާ، އިޒްރޭލުން ނޫސްވެރިންނާއި މީޑިއާތަކާ ދެކޮޅަށް ދެމުންދާ ހަމަލާތައް ވެސް އެމަނިކުފާނު ވަނީ ކުށްވެރިކުރައްވާފަ އެވެ.

"ނޫސްވެރިން މެރުން. ފަލަސްތީނު، ލުބުނާނު އަދި އަލް ޖަޒީރާގެ ނޫސްވެރިން. އަލްޖަޒީރާގެ އޮފީސްތައް ބަންދުކުރުން. މިއީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ދުނިޔެއަށް ފޮރުވުމަށް ކުރާ ކަންކަން ނޫން ގޮތަކަށް އަޅުގަނޑުމެންނަށް ސިފަކުރެވޭނެ ތޯ؟" ރައީސް ވިދާޅުވި އެވެ.

މިހާރު އިޒްރޭލުން ލެބަނަންގައި ހިންގާ ހަމަލާތަކުގައި ވެސް އެތައް ސަތޭކަ އާންމުންގެ ފުރާނަ ގެއްލެމުންދާ ކަން ރައީސް ކަންބޮޑުވުމާ އެކު ފާޅުކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ އިންސާނިއްޔަތުކަން ހުރި ކޮންމެ މީހެއްގެ ހިތުގައި އެ މީހުންގެ ރުއިމުގެ އަޑު އިވެމުން އަންނަ ކަމަށެވެ.

މީގެ ކުރިން ވެސް އިޒްރޭލުން އަލް ޖަޒީރާއަށް ހުރަސްއެޅުމަށް އެތައް ކަމެއް ކޮށްފައިވެ އެވެ.

އިޒްރޭލު ތެރޭގައި އަލް ޖަޒީރާގެ އޮޕަރޭޝަންތައް ހިންގުން މީގެ ހަތަރު މަސް ކުރިން މަނާކޮށްފައި ވާއިރު މިދިޔަ ހަފްތާގައި ވަނީ އަލް ޖަޒީރާގެ ނޫސްވެރިންނަށް އިޒްރޭލުން ދޫކޮށްފައިވާ ހުއްދަތައް ބާތިލްކުރަން ނިންމިކަން ވެސް އިއުލާނުކޮށްފަ އެވެ.

ހުޅަނގު އައްސޭރީގެ އަލް ޖަޒީފާ އޮފީސް ބަންދުކުރި ނަމަވެސް ހުޅަނގު އައްސޭރި އާއި ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާ ގުޅޭ ގޮތުން އެ ޗެނަލުން ގެނެސްދޭ ކަވަރޭޖް ހުއްޓުމަކަށް ނާދެ އެވެ.

އަލް ޖަޒީރާގެ ނޫސްވެރިންގެ ތެރޭގައި "ޓެރަރިސްޓުންގެ އެޖެންޓުން" އުޅޭ ކަމަށް އިޒްރޭލުން އަބަދުވެސް ތުހުމަތުކުރެ އެވެ. އެއީ ހަމާސް ނުވަތަ އިސްލާމިކް ޖިހާދުގެ މީހުން ކަމަށް ބުނެ ނޫސްވެރިންނަށް ހަމަލާދީ އެތައް ބަޔަކު މަރާލާފައި ވެސް ވެ އެވެ. އެކަމަކު މިއީ އެއްވެސް އަސްލެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ބުނެ އަލް ޖަޒީރާއިން ތުހުމަތުތަކަށް އިންކާރުކުރެ އެވެ


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު