ޚަބަރު
ސިޔާސީ ޕާޓީތަކަށް ފައިސާދޭ އުސޫލަށް އިސްލާހު ގެންނަނީ
ސިޔާސީ ޕާޓީތަކަށް ފައިސާދޭ އުސޫލަށް ބަދަލު ގެނައުމަށް ސިޔާސީ ޕާޓީތަކުގެ ގަނޫނަށް އިސްލާހު ހުށަހެޅުމަށް އިލެކްޝަކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން 10،000 އަށް ވުރެ ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް މެންބަރުންގެ އަދަދުގެ ނިސްބަތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ޖެހެ އެވެ. މި ވަގުތު އެ އަދަދު ހަމަވާ ސިޔާސީ ހަ ޕާޓީއަށް ދައުލަތުން މިއަހަރު ވަނީ 44 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

ނަމަވެސް އެ އުސޫލު ބަދަލުކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ޑްރާފްޓެއް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެކުލަވާލައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ސިޔާސީޕާޓީތަކުގެ ގާނޫނަށް މައިގަނޑު ދެ އިސްލާހެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހުށަހަޅާފައިވާ މައިގަނޑު ދެ އިސްލާހަކީ ފަސް އަހަރު ތެރޭގައި ސިޔާސީ ޕާޓީތަކުން ކޮންގްރެސް ބާއްވަން ޖެހޭނެ ކަމަށް އޮތް އޮތުމަށް ގެނެވޭ އިސްލާހަކާއި، ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ނިންމާފައިވާ ގޮތަށް ގެނެވޭ އިސްލާހެެކެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ އުސޫލު ބަދަލު ކުރަނީ އިންތިހާބުތަކުގައި ޕާޓީތަކުން ހޯދާ ކާމިޔާބަށް ބަލައިގެންނެވެ. އެގޮތުން 10،000 މެންބަރުން ހިމެނޭ ކޮންމެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ކޮންމެވެސް މިންވަރެއް ދިނުމަށްފަހު ބާކީ ފައިސާ ދެނީ މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ހޯދާ ކަމިޔާބީއަށް 30 ޕަސެންޓް އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީތަކުން ހޯދާ ކާމިޔާބަށް 20 ޕަސެންޓް ހާއްސަ ކޮށްގެންނެވެ.

"ހުރިހާ ޕާޓީތަކުން ވެސް މި އެއްބަސްވަނީ މިހާރު މި ފައިސާ ދޭ ގޮތުން ކުދިކުދި ޕާޓީތަކަށް އެއްވެސް އެއްޗެއް ނުލިބޭތީވެ އިދާރީ ކަންކަމަށް ކޮންމެވެސް ވަރެއްގެ އެހީއެއް 3،000 މީހުން ހަމަވާ ޕާޓީއެއް ނަމަ ލިބެން ވާނެ ކަމަކަށް،" ފުއާދު ވިދާޅުވި އެވެ.

"ގޮނޑިއެއް ނުލިބުނަސް އިންތިހާބުގައި ވާދަކޮށްގެން ބައިވަރު ވޯޓު ލިބޭ ކަމަށްވަންޏާ އެ ކަން ފާހަގަ ކުރަން ވާނެޔޭ."


ފުއާދު އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރަނީ ޕާޓީތަކުގެ ހިޔާލާއި ކޮމިޝަނަށް ފެންނަ ކަންކަންވެސް ހިމަނައިގެން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ޑްރާފްޓް ބިލް މިހަފްތާ ތެރޭ ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާނެ ކަމުގައިވެސް ފުއާދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު