ވިޔަފާރި
ކުންފުނިތަކުގެ މުވައްޒަފުން ބޭކާރު ގޮތުގައި އޯޓީ ޖެހުން މަދުކުރަން އަންގައިފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް ނިޒާރު
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ބޭކާރު ގޮތުގައި އޯޓީ ޖެހުން ހުއްޓުވުމުގެ ގޮތުންނާއި އިތުރު ގަޑީގެ ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އިސްލާހުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ. 

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް މުވައްޒަފުންނާ ގުޅޭ ގިނަ ކަންކަމަށް ބަދަލު ގެންނަމުންދާ މި ދަނޑިވަޅުގައި ޕީސީބީއިން ކުންފުނިތަކަށް ފޮނުވި  ސާކިއުލާއެއްގައި އަންގާފައިވަނީ ރަސްމީ މަސައްކަތުގެ އިތުރުން ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާ ވަގުތަށް އެކަނި އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތަށް އުސޫލު ބަދަލު ކުރުމަށެވެ.

ސާކިއުލާގައި ބުނިގޮތުގައި:

  • އޭގެ މަގްސަދަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުން

  • އަދި މާލީ ނިޒާމު ހަރުދަނާ ކުރުމާއި އިތުރު ވަގުތުގެ މަސައްކަތް ބެލެހެއްޓުމުގައި ހުރިހާ ކުންފުންޏަކުން ވެސް އެއް އުސޫލަކަށް އަމަލު ކުރުން

އެ ސާކިއުލާގައި ވަނީ އިތުރު ގަޑީގެ ފައިސާ ދިނުމުގައި މިހާރު ވެސް ވަކި މިންވަރެއް ކަނޑައަޅާފައިވާ ކުންފުނިތަކުން އާ އުސޫލާ އަޅާކިޔައި، ކުންފުންޏަށް މާލީ ގޮތުން އެންމެ ފައިދާ ހުރި އަދި ހަރަދު ކުޑަ ގޮތެއް ހިޔާރު ކުރުމަށް ވެސް އަންގައިފަ އެވެ.

ޕީސީބީން އެގޮތަށް އެންގިއިރު، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އެެ ކުންފުނިތަކަކީ ފައިދާގައި ހިންގާ ކުންފުނިތަކަކަށް ހެދުމަށް ޕީސީބީން ކުރިން ވަނީ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް ވެސް އަންގައިފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު