ޕީސީބީގެ ބޯޑު މެންބަރު ޒައިނާއަށް މަޖިލީހުން ރުހުން ދީފި
ހުނައިދާ ޔާސިރު
08 ޖުލައި 2026 - 16:09
0 comments
ބޭންކިން ދާއިރާ ތަމްސީލު ކުރުމަށް ޕީސީބީ އަށް އައްޔަނު ކުރި ޒައިނާ
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑުގެ މެންބަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި، ގއ. ދާންދޫ، ޒައިނާ އަބްދުﷲ، އަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
ބޭންކިން ދާއިރާ ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި ޕީސީބީއަށް ޒައިނާ އައްޔަންކޮށްފައި ވަނީ މިދިޔަ ޖޫން މަހު ފަހުކޮޅެވެ. އަދި އޭނާއަށް ރުހުން ހޯދުމަށް އޭރު މަޖިލީހަށް ފޮނުވި އެވެ.މި މައްސަލަ ދިރާސާ ކުރި މަޖިލީހުގެ ސްޓޭޓް އޯންޑް އެޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީ ޒައިނާ އެ މަގާމަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް ނިންމައި، އޭނާއަށް %80 މާކްސް ދީފައިވެ އެވެ.މިއަދުގެ މަޖިލިސް ޖަލްސާގައި އޮތީ އެ ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމެވެ. ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން، ޒައިނާއަށް ރުހުން ލިބުނީ 47 މެންބަރުންގެ ވޯޓާ އެކު އެވެ.ރުހުން ދޭން ނުފެންނަ ކަމަށް އެމްޑީޕީގެ 10 މެންބަރަކު ވޯޓު ދެއްވި އެވެ.ޒައިނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވައިފައެވެ. އަދި އިންޑިއާގެ ޔުނިވަސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސް ހާސިލުކުރައްވާފައިވެސް ވެއެވެ.
ކިޔުންތެރިންގެ ޝުއޫރު