ޚަބަރު
ވެރިކަން ހޯދަން ހެދި ދޮގުތަކުން ބޮޑެތި ގެއްލުންވެއްޖެ: ރައީސް
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފެރެންސްގައި ކުރީގެ ރައީސް ސޯލިހު ވާހަކަ ދައްކަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ހޯއްދަވަން ހެއްދެވި ހެދި ދޮގުތަކާއި ފިތުނައިގެ ސަބަބުން ގެއްލުންވީ ރާއްޖެއަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކުޅުދުއްފުށީގައި މިއަދު ބޭއްވި "ލާމަރުކަޒީ ގުޅުން" މަހާސިންތާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހުވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވެރިކަމަށް އައުމަށް މި ސަރުކާރުގެ ވެރިން ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވައިލައްވައި އެ ވާހަކަފުޅުތަކާމެދު ފުންކޮށް ވިސްނުމަށް އެދިވަޑައިގެންފަ އެވެ. 

އެގޮތުން ރައީސް ސޯލިހުވަނީ ކުރިން އިދިކޮޅުގައި ތިއްބަވައިގެން މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާފަަ އެވެ. އަދި އެވާހަކަފުޅުތަކަކީ ދޮގުކަން މިހާރު ރައްޔިތުންނަށް ސާފުކޮށް ހާމަވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ދޮގު ހެދިކަން މިއަންނަނީ ހާމަވަމުން. އެބޭފުޅުން ވެރިކަމަށް ވަޑައިގަތީ ދޮގުވެރި މަކަރުވެރި ހީލަތްތެރި ރޭވުންތަކުން. އެބޭފުޅުން ވެރިކަމަށް އަންނަންވީ ވައުދުތަކަކީ ހިސާބު ކިތާބެއްގެ މައްޗަށް ބެލުމެއްތި ހެދި ވައުދުތަކެއްކަން މިދަނީ ހާމަވަމުން،" ސޯލިހު ވިދާޅުވި އެވެ. 

"އުތުރުތިލަފަޅާ ގުޅޭ ގޮތުން ދެއްކީ ކޮން ވާހަކައެއްތޯ؟ "ރޯހިތު ހޯދަން އެރި މީހުން ތިބި ގޮތް ތިބޭފުޅުން ދެކެވަޑައިގަންނަވާނެ. އައިސިސްގެ ހަނގުރާމަވެރިންނަށްވުރެ ވަރުގަދަކޮށް ތިބީ. މިއަދު އެ އެގްރީމެންޓު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެގެންދަނީ ކުރިއަށް. ކޮބައިތޯ އެ އޮޅުވައިލުން؟،" 


"އައްޑޫގެ ކޮންސިއުލޭޓާ ގުޅޭ ގޮތުން ދެއްކީ ކޮން ވާހަކައެއްތޯ. އެ ތަނުގައި އިންޑިއާ މީހުން އާބާދުކުރާށޭ މި އުޅެނީ،" ސުވާލުތަކެއް ވެސް އުފައްދަވަމުން ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުން އިންޑިއާއަށް ދިމާކޮށްލަން ފުރަތަމަ އުޅުނު ކަމަށާއި އެއީ ނުފޯރާ ފޮތިން ފޫގެޅުން ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ހަމަ އެ އެގުރިމަންޓްތައް އޮތް ގޮތަށް އެބަ ކުރިއަށްދޭ. މިއީ ނުފޯރާ ފޮތިން ފޫގެޅީމާ ވީ ގޮތް،" ސޯލިހު ވިދާޅުވި އެވެ.

މިއަދު މި ސަރުކާރު ގެންނަން ވޯޓު ދިން ގިނަ މީހުން ވެސް އެ ކަމާ ހިތާމަކުރާ ކަމަށް ސޯލިހު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި ވިދާޅުވީ މި ސަރުކާރަށް ވޯޓު ދިން އާންމު މީހަކު އެމަނިކުފާނަށް ގުޅުއްވައި އެ މޭރުމުން ވާހަކަ ދައްކާފައިވާ ކަމަށެވެ.

"މީހަކު ފޯނުން ގުޅާފައި ބުނި. ބުނީ އިބޫއަށް ވޯޓެއް ނުދެމޭ. މި މީހުން ދެއްކި ވާހަކަތައް ގަބޫލު ކުރެވުނީއޭ. މި ތަނުގައި ހަގީގަތުގައި ވެސް ހަތިޔާރާ އެކީ އިންޑިއާ ސިފައިން ތިބި ވާހަކަ. އެކަމަކު މިއަދު ގަބޫލުކޮށްފީމޭ ދޮގު ކަން އެއީ." ސޯލިހު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު