ޚަބަރު
ދުންފަތާ ދުރުކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ރައީސް ނިންމަވައިފި
ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން, ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.


ރައީސް މުއިއްޒު މިއަދު ވަނީ ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ސޯޝަލްމީޑިއާގައި ހިއްސާކުރައްވާފަ އެވެ.

އެގޮތުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ.

އިސްލާހު ހުށަހަޅަނީ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓާ 24ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާ އިން 8 ރުފިޔާއަށް މަތިކުރުމަށެވެ. އަދި މިފަދަ މުދަލުން ނަނގާ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުމަށް އިސްލާހު ހުށަހެޅުމަށްވެސް ނިންމާފައިވެ އެވެ.

މީގެ އިތުރުން އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް މިކަމުގެ މައުލޫމާތު އަދި ހިއްސާކޮށްފައެއް ނުވެ އެވެ.

މީގެއިތުރުން ދުންފަތުގެ އިސްތިއުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެމްޕޭނެއް ފެށުމަށްވެސް ވަނީ ނިންމާފަ އެވެ.

"ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އަޅުގަނޑު އެދެން،" ރައީސްގެ ޕޯސްޓްގައި ވެއެވެ. 

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމިއިރު، ރައީސް ވަނީ އަންނަ މަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރަން އިއްޔެ ނިންމަވައިފަ އެވެ.

ސޯޝަލް މީޑިއާގައި ރައީސް އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

ވޭޕްކުރާ ތަކެތި ބޭނުން ކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު