
ހދ. ކުޅުދުއްފުށީގައި ބޭއްވި އިދިކޮޅު އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލް ހިންގުމުގައި ސަރުކާރުގެ ފަރާތުން މިހާތަނަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާ ކަމަށާއި ކުރަން ބޭނުންވި ކަންކަން ހަމަޖެހުނު ކަމަށެވެ.އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި އާޒިމް ވިދާޅުވީ އެ ޕާޓީގެ 15 މީހަކަށް ކޮންސަލްޓެންޓުގެ ވަޒީފާ ވެސް ސިޓީ ކައުންސިލުން ހަމަޖައްސާފައިވާ ކަމަށެވެ."ކައުންސިލްގެ ތެރެއިން އަޅުގަނޑު ބުނާ ކަމެއް ވިއްޔާ ކޮށްދޭ. އަޅުގަނޑު ކޮންސަލްޓެންޓުން ނަގަން ބޭނުންވީމާ 15 ކޮންސަލްޓެންޓުން ނަގައިގެން ހަމަ އަޅުގަނޑުމެން ޕާޓީގެ މެމްބަރުން އެ ތިބީ ވެސް އެކަކު ނޫނީ،" އާޒިމް ވިދާޅުވި އެވެ.އާޒިމް ވިދާޅުވީ މަސައްކަތް ކުރަނީ އެންމެންނާއި ގުޅިގެން މާލެ އަށް ކަންކަން ކޮށްދެވޭތޯ ކަމަށާއި އެމްޑީޕީގެ މޭޔަރަކަށް ހުރެ ކަމެއް ނުކުރެވިއްޖެނަމަ އެކަމުގެ ބަދުނާމު ސީދާ ޕާޓީގެ ބޮލުގައި ވެސް އަޅުވާނެ ކަމަށެވެ. އެގޮތުން މިހާތަނަށް އާސަހަރާގެ މަސައްކަތް ވެސް ނިމި، ބުޅާ ފެސިލިޓީގެ މަސައްކަތްތައް ވެސް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.އާޒިމް ވަނީ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރާއި މިނިސްޓްރީތަކުގެ ފަރާތުން އެއްބާރުލުން ލިބެމުންދިޔުން ކަމަށްވެސް ވިދާޅުވެފަ އެވެ.