ޚަބަރު
ހަލީލް، ޒަމީރު އަދި ނާޒިމަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް
ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ތިން ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ތިން ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރެއްވުމަށް ފޮނުއްވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު އެމަނިކުފާނުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެގޮތުން، ކުރިން ހާރިޖީ ވަޒީރަކަށް ހުންނެވި މޫސާ ޒަމީރު، މާލީ ވަޒީރަކަށް ހަމަޖައްސަވައި ސިއްޙަތާބެހޭ ވަޒީރަކަށް ހުންނެވި ޑރ. ޢަބްދުﷲ ޚަލީލް ވަނީ ޚާރިޖީ ވަޒީރަކަށް ހަމަޖައްސަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަޤާމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމް ސިއްޙަތާބެހޭ ވަޒީރަކަށް ރައީސް އައްޔަންކުރެއްވި އެވެ.

ޤާނޫނުގައިވާގޮތުގައި ރައީސް ވަޒީރުންގެ މަޖިލީހަށް ބަދަލެއް ގެންނެވިނަމަވެސް އަދި ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.

މަޖިލީހުން ވަޒީރުންނަށް ރުހުން ދޭނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނަންތައް ދިރާސާކުރެއްވުމަށްފަހު ކޮމިޓީން ނިންމާގޮތް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު