ޚަބަރު
ރައީސް އޮފީހުން ބުނަނީ އެމެރިކާއަށް ކުރި ދަތުރަށް ހަރަދުކުރީ 2.4 މިލިއަން ރުފިޔާ ކަމަށް
އދ. ގެ ޖެނެރަލް އެސެމްބްލީގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ
އދ. ގެ 79 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރަށް 2.4 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އެ އޮފީހުން ހާމަކޮށްފި އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެ މަނިކުފާނާއި ނައިބު ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްސީލް ރައީސް އޮފީހުން އަންނަނީ އާންމުކުރަމުންނެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިދިޔަ މަހުގެ 20 އިން 29 އަށް ރައީސް ކުރެއްވި މި ދަތުރުފުޅަށް ޖުމްލަ 2،455،583.01 ޚަރަދުވިއެެވެ. ނަމަވެސް އެ އަދަދުން، ވަކިވަކި ކަންކަމަށް ހިނގި ޚަރަދުގެ ތަފުސީލް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް އާއެކު އދ. ގެ މަޖިލީހަށް ދިޔަ ދިވެހި ވަފުދުގައި އޭރު ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު އާއި އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އަދި އެ ދެ މިނިސްޓްރީގެ އިސްވެރިން ހިމެނެ އެވެ. ވަފުދުގައި ބައިވެރިވި އޮފިޝަލުން ޖުމްލަ އަދަދެއް ސާފެއް ނޫނެވެ.

އަހަރީ އާންމު ޖަލްސާގެ ހަވާސާގައި ގިނަ އަދަދެއްގެ ބަޔަކާ ރައީސް ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުންތަކުން ރާއްޖެއަށް ގިނަ ކަންކަން ފަހިވި ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އަދި މިހާތަނަށް އެކަމުގެ ތަފްސީލުތަކެއް ހާމަކޮށްފައި ނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު