ޚަބަރު
މަގުމަތީގައި ސަލާން ޖަހާ މީހުން ރިމާންޑް ސެންޓަރަށް ބަދަލުކުރަނީ
މާލޭ މަގުމަތީގައި ސަލާން ޖަހައި، ވަންނާނެ ތަނެއް ނެތި މަގުމަތީގައި އުޅޭ ފަރާތްތައް ރިމާންޑް ސެންޓަރުތަކަށް ގެންގޮސްގެން ފަރުވާ ދިނުމުގެ މަސައްކަތް މިއަދު ހަވީރު ފަށާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ވިދާޅުވީ، ވަންނާނެ ތަނެއް ނެތި މަގުމަތީގައި ސަލާން ޖަހަން އުޅޭ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ފާހަގަކޮށް، އެ މީހުންނަށް ފަރުވާ ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

"މިއަދު ހަވީރުން ފެށިގެން މާލޭގެ ބާޒާރުމަތީގެ ސަރަހައްދުތަކަށް ޓާގެޓް ކޮށްގެން މިފަދަ މީހުން ނަގަމުން ގެންދާނަން އަދި ރިމާންޑް ސެންޓަރުތަކުގައި އެ މީހުންނަށް ބޭނުންވާ ފަރުވާ ދެމުން ގެންދާނަން. އަދި އެ މީހުން މަގުމަތިވެފައި ތިބި ސަބަބުތައް ދެނެގަނެ އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ވެސް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މަގުމަތީ ސަލާން ޖަހައިގެން އެތައް ބަޔަކު މަސްތުވާތަކެތި ބޭނުންކުރަން ފައިސާ ހޯދާއިރު، ކުދިކުދި ވިޔަފާރިތައް ކޮށްގެން ފައިސާ ހޯދާ މީހުން ވެސް އުޅެ އެވެ. މަގުމަތީ އުޅޭއިރު ކުނި ހޮވައިގެން ވިއްކައިގެން ފައިސާ ހޯދައިގެން މަސްތުވާތަކެތި ބޭނުންކުރާ މީހުން ވެސް މާލޭ މަގުމަތީގައި އުޅެ އެވެ. އެފަދަ މީހުން ބާޒާރުމަތީގައި ވަރަށް ގިނަ އެވެ. 

ސަލާން ޖަހާ މީހުން އާންމުކޮށް ތިބެނީ އޭޓީއެމްތައް ކައިރީ އާއި ފިހާރަތައް ކައިރީގަ އެވެ.  

މީގެ 13 އަހަރު ކުރިން، 2011ގައި ތަސްދީގުކުރި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސްދުވަހުގެ ތެރޭ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގާއިމް ކުރަން ޖެހެ އެވެ.

އެ ސެންޓަރުގެ ބޭނުމަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑެލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުުކުރާ މީހުން، ބަންދުގެ މުއްދަތުގައި އެތަނުގައި ބައިތިއްބައިގެން، އެމީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދިނުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު