ޚަބަރު
މެޑިކަލް ސްކީމް ރިވިއުކުރިއަސް އެލަވެންސެއް އުންޏެއް ނުކުރާނެ
ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ފުލުހުންގެ މެޑިކަލް ސްކީމް ރިވިއުކުރަނީ އިސްރާފު ކުޑަކުރަން ކަމަށާއި، އޭގެ ސަބަބުން މިހާރު ލިބޭ އެއްވެސް ޚިދުމަތަކަށް ނުވަތަ އެލަވަންސަަކަށް އުނިކަމެއް ނާންނާނެކަމަށް ފުލުހުންގެ ތަރުޖަމާނު, އެސިސްޓަންޓް ކޮމިޝަނަރު އަހްމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.

ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމް އުވާލައި، ޕްރައިވެޓް އިންޝުއަރެންސެއް ފޯރުކޮށްދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

މި ނިންމުމާ ގުޅިގެން ޝިފާން ވިދާޅުވީ ފުލުހުންގެ މެޑިކަލް ސްކީމް ރިވިއުކުރަނީ އިސްރާފު ވީ އެންމެ ބޮޑަކަށް ކުޑަކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް މި ސްކީމް ރިވިއުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރު ދެމުން އަންނަ އެއްވެސް އެލަވެންސެއް އުނިކުރުމުގެ ވިސްނުމެއް ފުލުހުންގެ މިހާރުގެ ލީޑަޝިޕުން ނުގެންގުޅޭ ކަމަށް ޝިފާން ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި އަންނަ އަހަރުގެ ބަޖެޓް ތަފުސީލްގައިވާ ގޮތުން ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި ދައުލަތުން ހަރަދު ކުރަން ޖެހޭ މިންވަރު ކޮންޓްރޯލް ކުރަން ވަނީ ނިންމާފަ އެވެ.

"މިކަންކަމުގެ ސަބަބުން އިސްރާފު އިތުރުވެ، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން އެކަށީގެންވާ މިންވަރެއްގައި ފޯރުކޮށްދިނުމަށް ދަތިވެ، އިޖުތިމާއީ ރައްކާތެރިކަން ގާއިމުކުރުމުގެ މަގުސަދުތަކާ ފުށުއަރާ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ސިފައިންނާއި ފުލުހުންގެ މެޑިކަލް ސްކީމަށް އާސަންދައިގެ ބޭރުން މިއަހަރުގެ ނިޔަލަށް 321.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. މި ސްކީމަށް މިހާރު ލިމިޓެއް ކަނޑައެޅިފައި ނުވާއިރު ކޮސްމެޓިކް ޕްރޮސީޖާތަކާއި ބައެއް ކޮންސިއުމަބަލްސް ވެސް މި ސްކީމުގެ ތެރެއިން މިހާރު ދެމުން އަންނަކަން މިނިސްޓްރީންއިން ފާހަގަ ކުރިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު