ޚަބަރު
ރަހީނުކުރި މައްސަލާގައި އިތުރު 4 މީހުން ހައްޔަރުކޮށްފި
ހައްޔަރު ކުރި މީހުން
ހުޅުމާލޭގައި ކާރެއް ތެރޭގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ މި ހާދިސާ ހިނގީ ރޭ ހުޅުމާލޭގެ އޯކިޑްމާ ހިނގުމުގައި ކަމަށާއި އެ މަގުގައި އޮތް ކާރެއް ތެރޭގައި ރަހީނުކޮށްގެން ހިފަހައްޓާފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާގެ އާއިލާއަށް ގުޅައިގެން ފައިސާ ހޯދުމަށް މަސައްކަތްކުރި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރީ ތޮލާލް މޫސާ، ދަފްތަރު ނަމްބަރު 9022 އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރަށް ގެންގޮސްފައިވާ އަނެއް ހަތަރު މީހުންނަކީ ހުޝާމް އިބްރާހިމް، ރަތްބަގީޗާގެ ހދ. ކުމުންދޫ އާއި ހަމަ އެ ގޭ އާދަމް ޝަރީފް އާއި ހުސެއިން ހައިކަލް ނިޔާޒު، ގ. ކަޅަގާރިމާގެ އަދި އަހުމަދު ރިޝްފާން، ހުޅުމާލެ ފްލެޓް ނަންބަރު 71-1-04 އެވެ.

މި ފަސް މީހުންގެ ބަންދަށް ވެސް ހަތް ދުވަސް ޖަހަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

ފާއިތުވި ހަފުތާ ތެރޭގައި ހުޅުމާލޭގެ ހިޔާ ފުލެޓެއްގައި މީހަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ އެޕާޓުމެންޓުގެ ދޮރު ވައްޓާލައިގެން ވަދެ ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކުރި އެވެ. އެ މައްސަލާގައި 12 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

އޭގެ ކުރިން މާލޭގެ ކޮޓަރިއެއް ތެރޭގައި މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކޮށް އިނގިލިތަކެއް ބުރިކުރި މައްސަލައެއް ފެންމަތިވެފައިވެ އެވެ. ހިޔާ ފުލެޓުގައި ރަހީނުކުރި މީހާ ސަލާމަތްކުރިއިރު އޭނާގެ އިނގިލި ބުރިކުރަން މަސައްކަތްކުރަމުން އައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު