ޚަބަރު
އޭސީސީއާ އީސީގެ މުސްތަގިއްލުކަން ނަގާ ނުލަން ޑިމޮކްރެޓްސް ގޮވާލައިފި
ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ހެދުމުން އެ ކޮމިޝަންތަކުގެ މުސްތައްގިއްލުކަން ގެއްލިގެންދާތީ އެފަދަ އަމަލެއް ނުހިންގުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.

އެ ޕާޓީން ރޭ ނެެރުނު ބަޔާނެއްގައި ބުނީ އިލެކްޝަންސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައަޅައި އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ގާނޫނަށް ބަދަލުގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލުތަކެއް ހުށަހަޅާފައިވާތީ އެކަމުގެ ކަންބޮޑުވުން ދަ ޑިމޮކްރެޓްސް އިން އިންތިހާއަށް ފާޅުކުރާ ކަމަށެވެ.

އެއިރެއްގައި އޮންނަ ސަރުކާރަށް ނިސްބަތްވާ ފަރާތްތައް ވެސް ބައިވެރިވާ އާންމު އިންތިހާބުތައް ބާއްވާ ކޮމިޝަނާއި ސަރުކާރަށް ވެސް އަމާޒުވާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބެލުމަށް އޮންނަ ކޮމިޝަނާއި -- މި ދެ ކޮމިޝަނުގެ މިނިވަންކަމާއި މުސްތަގިއްލުކަން މުހިއްމުވެފައި ލާޒިމުވަނީ ސަރުކާރުގެ ނުފޫޒެއްގައި ނުޖެހި އެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެ ކޮމިޝަންތަކުން އަދާކުރަން ޖެހޭތީ ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.

"ނަމަވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުތަކުން ރައީސުލްޖުމްހޫރިއްޔާ އެ ދެ ކޮމިޝަނުގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައަޅައި އައްޔަނުކުރާގޮތަށް ބަދަލުކުރުމަކީ އެ ކޮމިޝަންތަކުގެ މުސްތަގިއްލުކަމަށް ލޮޅުން އަރުވާލާ ކަމެކެވެ،"

އަދި ބުނީ މިއީ ދިވެހި ރައްޔިތުންގެ އިންތިހާބީ އެންމެހައި ހައްގުތަކުގެ އިންސާފުވެރިކަމާ މިނިވަންކަން ކަށަވަރު ކުރުމުގެ ޒިންމާ އަދާކުރަން ޖެހޭ އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މާލިއްޔަތާއި ދައުލަތް ހިންގުމުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާ ފަސާދަ މިނިވަންކަމާއެކު ބަލާ ފިޔަވަޅު އެޅުމުގެ ޒިންމާ އަދާކުރަން ޖެހޭ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގަތުމުގެ އަމަލެއް ކަމަށެވެ. 

"އެހެންކަމުން މިކަމަކީ ހިންގުމުގެ ޑިމޮކްރެޓިކް އަސާސްތައްވެސް އަދި ގާނޫނުއަސާސީގެ ރޫހަށް ބަލާއިރު ވެސް ތަންދޭކަމެއް ނޫންކަމަށް ދެކެން،" ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީން ބުންޏެވެ.

ދަ ޑިމޮކްރެޓްސްއިން ވަނީ އީސީއާއި އޭސީސީގެ މުސްތަގިއްލުކަން ނަގާލުމުގެ އަމަލެއް ނުހިންގުމަށް ތަކުރާރުކޮށް ގޮވާލާފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ދޭގޮތަށް ގާނޫނަށް ބަދަލުގެންނަން މަޖިލީހަށް ބިލެއް މިއަދު ވަނީ ހުށަހަޅައިފަ އެވެ.

މި ދެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ. އެގޮތުން، އީސީގެ ގާނޫނުނަށް ބަދަލު ގެނައުމުގެ ބިލު ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފު ހުށަހެޅުއްވާފައި ވާއިރު، އޭސީސީގެ ގާނޫނުނަށް ބަދަލު ގެނައުމުގެ ބިލު ހުށަހެޅުއްވާފައި ވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ.

މި ދެ ބިލުގެ ފުރަތަމަ ކިޔުން އިއްވާނީ މާދަމާގެ މަޖިލީހުގައެވެ.

މި ދެ ބިލުގައި ވާގޮތުން، އޭސީސީ ނުވަތަ އީސީއަށް ރައީސަކާއި ނައިބު ރައީސެއް އައްޔަން ކުރުމަށް، ކޮމިޝަންގެ މެމްބަރުންގެ ތެރެއިން މެމްބަރެއްގެ ނަން މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އަދި މި ނަން ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހެއެވެ. އެ މަގާމުތަކުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އަދި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ވެސް ގާނޫނުގައިވާ ގޮތުގެ މަތިން މަގާމުން ވަކިވަންދެން އެ މަގާމުގައި ދެމިތިބޭނެއެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ އޭސީސީ އަދި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރަނީ އެ ދެ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ވޯޓުގެ ނަތީޖާ 28 ގަޑިއިރުތެރޭ ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު