ޚަބަރު
އޭސީސީ ނުހިނގާތީ މަޖިލީހުގެ ނައިބު ރައީސް ނާޒިމް ކަންބޮޑުވުން ފާޅުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
އޭސީސީ ނުހިނގާތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ، އެ ބިލަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި މިއީ މިފަދައިން ގެނެވޭ ފުރަތަމަ އިސްލާހު ނޫން ކަމަށާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސްއަށް ލިބޭގޮތަށް ނިމިދިޔަ ސަރުކާރުން ވެސް ގާނޫނަށް އިސްލާހު ގެނެސްފައިވާ ކަން ފާހަގަކުރެއްވެވި އެވެ.

ނާޒިމް ވިދާޅުވީ، ކޮރަޕްޝަންގެ ކަންތައްތަކަށް ބަލާއިރު، ކުރީ ސަރުކާރުން އޭސީސީގެ ފަސް މެންބަރުން އެއް ފަހަރާ ބަދަލު ކޮށްފައިވާ ކަމަށެވެ. އޭސީސީގެ ބޭފުޅުންގެ ތެރެއިން ކޮމިޝަންގެ ރައީސްއަކު އައްޔަންކުރާ ކަމަށް ވިދާޅުވި އެވެ.

"އާ ކޮމިޝަން ވެސް އައްޔަން ކުރެވުނީ ފަސް އަހަރުގެ މުއްދަތަކަށް. އެހެންވީމަ މިހާރު އޮތް ކޮމިޝަންގެ އުމުރުގައި ތިން އަހަރު ބާކީ އެބައޮތް. އެ ކޮމިޝަން ވެސް ރަނގަޅަށް މަސައްކަތް ކުރާނެ ގޮތް ހަދަން ޖެހޭ. ރާއްޖޭގެ އެއްވެސް ރައްޔިތަކު ނެތް އެންޓިކޮރަޕްޝަން ކޮމިޝަން ހިނގަންވާ ގޮތަށް ކޮރަޕްޝަންގެ މައްސަލަތައް ހައްލު ކުރެވޭ ބަޔަކަށް އޭސީސީ ވާކަމަށް ގަބޫލްކުރާ ބަޔަކު." ނާޒިމް ވިދާޅުވިއެވެ.

މި ސަރުކާރުން ކުރިއަށް އޮތް ތަނުގައި އެފަދަ ގޮތަކަށް ކަންކަން ހިނގާތަން ބަލަން ބޭނުންނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އޭސީސީއާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް މުތުލަގަށް ލިބެން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން މަގާމުތަކަށް ނަގާފައި ތިބީ ޕްރޮފެޝަނަލް ބޭފުޅުން ނޫން ކަމަށް ތުހުމަތު ކުރައްވައި ނާޒިމް ވިދާޅުވީ، އެ ސަރުކާރުގައި އިލެކްޝަން ކޮމިޝަންގެ ރައީސް ދުއާދު ތައުފީގު އެކަހެރިކުރައްވައި ކޮމިޝަންގެ ތިން މެންބަރަކު އެތަން ހައިޖެކް ކުރެއްވި ކަމަށެވެ.

"އެމްޑީޕީގެ ފަރާތުން ކޮމިޝަންތަކަށް ނަން ފޮނުވައިގެން ލާފަ ތިބި ބޭފުޅުންނަކީ ޕްރޮފެޝަނަލް ބޭފުޅުން ނޫން ކަމަށް ދެންނެވީ މިދެންނެވި ގޮތަށް ކަންކަން ކޮށްފަ އޮތީމަ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ ކަންކަން އިސްލާހުވަމުން އަންނަތަން ނުފެންނަ ކަމަށެވެ. އެއްވެސް ހައްދެއް، ހުދޫދެއް ނެތި ކޮރަޕްޝަންގެ އަމަލުރައް ހިންގާއިރު އޭސީސީއަށް ކުރެވޭ ހަމަ އެއް ކަމެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން އެ ބިލަށް އޭނާ ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު