ދުނިޔެ
އދ ގެ ފަލަސްތީނު ރެފިއުޖީ އެޖެންސީ ހިންގުން މަނާކޮށްފި
ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރުވާ)އަށް ޒަޔަނިސްޓު އިސްރާއީލުގައި ހަރަކާތްތެރިވުން މަނާ ކުރަން ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ. ޔަހޫދީންގެ މި ނިންމުމާ އެކު, ޣައްޒާގައި ހާލުގައި ޖައްސައި ނިކަމެތިކޮށްލާފައިވާ 2.3 މިލިޔަން މީހުންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭތީ, ޔަހޫދީންގެ ހުޅަނގުގެ ބައެއް މަދަދުގާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އދގެ ރެފިއުޖީ އެޖެންސީ ހިންގުމަ މަނާކުރުމަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކުރީ އެ މަޖިލީހުގެ 92 މެންބަރުންގެ ތާއީދާއެކުގައެވެ. އެ ބިލާއި ދެކޮޅަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. މި ބިލު ފާސްކޮށްފައިވަނީ ޔޫއެންއާރްޑަބްއޭ އަށް އިސްރާއީލުން ބޮޑެތި ފާޑުކިއުންތަކާއި އަމާޒުކުރާތާ އެތައް އަހަރެއް ފަހުންނެވެ. 

އެމެރިކާއިން ހޯމަ ދުވަހު ބުނީ މި މައްސަލައިގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، ގާޒާގައި އިންސާނީ އެހީ ބެހުމުގައި އަންރުވާ އަދާކުރާ ދައުރުގެ "މުހިންމުކަން" ބޮޑުކަމަށެވެ.

އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވީ އަންރުވާގެ މަސައްކަތްތައް ހުއްޓުވުމަށް އިޒްރޭލުން ވިސްނަމުންދާތީ "ވަރަށް ބޮޑަށް ހިތާމަކުރާ" ކަމަށެވެ.

އިޒުރޭލުގައި އަންރާ މަނާކުރުމުން ބައިނަލްއަގްވާމީ ޖަމާއަތްތަކުން ޣައްޒާއަށް ފޯރުކޮށްދޭ އެހީތެރިކަމަށްވެސް ބަދަލުތަކެއް އަންނާނެ އެވެ. ބެލެވޭ ގޮތުގައި އިޒުރޭލުގެ ޖެއްސުންކުރުމާ ހެދި ޣައްޒާއަށް އެހީދިނުން ދަތިކަމަކަށް ވާނެ އެވެ.
ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް ނޭޅޭ ގޮތަށް އިޒުރޭލުގެ ހަރަކާތައް ބެހެއްޓުމަށް އެެރިކާއިން މިހާރުވެސް އޮތީ ގޮވާލާފަ އެވެ.

ގާޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 43,020އަށް އުފުލިފަ އެެވެ.  

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާ ކަމަށް ބެލެވޭނެ ކިތަންމެ ސަބަބުތަކެއް އެބަހުރި ކަމަށް، ފަލަސްތީނުގެ އިންސާނީ ހައްގުތައް ބެލުމަށް ކަނޑައަޅާފައިވާ ރެޕަޓުއާ ފްރާންސެސްކާ އަލްބަނީޒް މިފަހުން ވަނީ ވިދާޅުވެފަ އެވެ.

އަލްބަނީޒް އަކީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އައްޔަންކޮށްފައިވާ މިނިވަން ބޭފުޅެކެވެ. އެކަމަކު އޭނާ އަކީ އދ.ގެ ނަމުގައި ވާހަކަ ދައްކަވާ ބޭފުޅެއް ނޫނެވެ. އޭނާ ސާފުކޮށް ވިދާޅުވީ ނަސްލު ނައްތާލުމުގެ އަމަލުތައް އިޒްރޭލުން ހިންގާ ކަމަށް ގަބޫލުކުރަންޖެހޭ ސަބަބުތައް މިހާރު ފެންނަން އެބަހުރި ކަމަށެވެ.

"އެނަޓޮމީ އޮފް އަ ޖެނޮސައިޑް" ގެ ނަމުގައި ނެރުނު ރިޕޯޓުގައި އެ އަމަލުތަކުގެ ގޮތުގައި ބުނެފައިވަނީ ވަކި ބަޔަކު މެރުން، ވަކި ބައެއްގެ ހަށިގަނޑަށް ނުވަތަ ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތައް ދިނުން އަދި ގަސްތުގައި ވަކި ބަޔަކު ނިކަމެތިވެ ހަލާކުވާ ގޮތަށް ބަލައިގެން ދިރިއުޅުމުގެ ހާލަތު ވަކި ގޮތަކަށް މަޖުބޫރުކުރުވުމެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު