ޚަބަރު
މިސް ޔުނިވާސްގައި ބައިވެރިވުން ހުއްޓާލަން ސަރުކާރުން ގޮވާލައިފި
ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެއްސަކަށް ލިބި، އެ މުބާރާތުގައި ބައިވެރިވާން މަސައްކަތް ކުރަމުން ދާތީ އެކަން ހުއްޓައިލުމަށް ގޮވާލައި ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.

މެކްސިކޯގައި އަންނަ މަހު 17، ގައި ބާއްވާ 73 ވަނަ މިސް ޔުނިވާސްގައި ރާއްޖޭގެ ފަރާތުން ވާދަ ކުރަނީ މަރިޔަމް ޝައިނާ ނަސީމް، 21، އެވެ.

މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމަންޓް އިންފޮމޭޝަން އެންޑް އާޓްސްއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، މެކްސިކޯގައި ބާއްވާ މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވުމުގައި، ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމަށް ދޭހަވާ މޭރުމަކުން ޚަބަރު ފަތުރަމުން އަންނަ ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ ދިވެހިންގެ ދީނާއި އަގީދާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތް ބޭއްވުމާއި، އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ، ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އާންމު އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ހިލާފު ކަންކަން ވާއިރު، ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިޔުން، ދިވެހި ސަރުކާރުން ކުށްވެރި ކުރާ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެ އެވެ.

"އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށްވެސް ގޮވާލަން." ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުވުމަކީ ސަރުކާރުން ކުރާނޭ ކަމަކަށް ނުވާއިރު، ސަރުކާރުން ކުރުވާ ކަމެއްކަން ދޭހަވާގޮތަށް މައުލޫމާތި ނުފެތުރުމާއި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރި ނުވުމަށް ވަނީ ގޮވާލާފަ އެވެ.

މި މުބާރާތުގައި ދިވެއްސަކު ބައިވެރިވާން ނިންމާފައިވާ ކަމަށް ބުނެ މީޑިއާތަކުން ހަބަރު ގެނެސްދީފައިވާތީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އާންމު ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. 

މީގެ ކުރިން ޝައިނާ ވަނީ ރާއްޖޭގައި ބޭއްވި ޓޮޕް މޮޑެލް މޯލްޑިވްސް 2022ގައި ބައިވެރިވެ، އެ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ އަހަރު މިސްރުގައި ބޭއްވި ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް 2023 މުބާރާތުގައި ވެސް އޭނާ ބައިވެރިވެ ރާއްޖެ ތަމްސީލުކޮށްފައިވެއެވެ.

މިއަހަރުގެ މިސް ޔުނިވާސް މުބާރާތުގައި 130 ގައުމަކުން ބައިވެރިވެއެވެ. ރާއްޖޭގެ އިތުރުން މި މުބާރާތުގައި އަލަށް ބައިވެރިވާ ގައުމުތަކުގެ ތެރޭގައި، ސޯމާލިއާ، ބެލަރޫސް، އިރާން، އުޒްބަކިސްތާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު