
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެޑްވައިޒަރެއްގެ މަގާމަށް ނަރީޝް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވިކަން ޔަގީން ކޮށްދެއްވައިފަ އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.މިނިސްޓަރެއްގެ ފެންވަރުގެ މަގާމަކަށް އައްޔަން ކުރައްވައިފި ނަމަ އެ ބޭފުޅަކަށް މިނިސްޓަރެއްގެ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާނެ އެވެ. މިނިސްޓަރަކަށް މުސާރާ އާއި އެލަވަންސްގެ ގޮތުގައި މަހަކު 66،000ރ. ލިބިވަޑައިގަންނަވާނެ އެވެ.އިސްތިއުފާގެ ސިޓީއާއެކު ނަރީޝް މިދިޔަ ބުދަ ދުވަހު ވިދާޅުވީ، މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން ވަކިވެވަޑައިގަތީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން ކަމަށެވެ.ނަރީޝްގެ އިސްތިއުފާގެ ސިޓީގައި އޭނާ ވަނީ ކުރީގެ މޭޔަރު، އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަށާއި މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ފަރާތުން ދަސްވި ކަންކަމަށްޓަކައި އެ ދެ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލުގެ މެންބަރެއްގެ ގޮތުގައި ހޭދަ ކުރެވުނު ދުވަސްތަކަކީ އޭނާގެ ހަޔާތުގައި ފާއިތުވި އެންމެ އުފާވެރި ދުވަސްތައް ކަމަށާއި އެ ތަނުގައި ހޭދަ ކުރި މުއްދަތުގެ ތެރޭގައި އަމިއްލަ ޝަހުސިއްޔަތު ބިނާ ކުރުމަށް ބާރު ލިބިގެން ދިޔަ ކަމަށެވެ.މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާލޭ ސިޓީ ކައުންސިލްގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރު މުހައްމަދު އަރީޝް މިއަދު ވަނީ އިންތިހާބުކޮށްފަ އެވެ.