ޚަބަރު
މި ސަރުކާރަކީ ނޫސްވެރިންނަށް މިނިވަންކަން ދޭނެ ސަރުކާރެއްކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ
މި ސަރުކާރަކީ ނޫސްވެރިންނަށް ދުލާއި ޤަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއްކަމަށާއި، ނޫސްވެރިންގެ ޒިންމާ އަދާކުރަން މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުންދޭނެކަމުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ރޭ ވިދާޅުވެއްޖެ އެވެ. 

ރޭ ބޭއްވި، "11 ވަނަ ނޫސްވެރިކަމުގެ އެވޯޑް” ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިޑިއާ ބާރުވެރިކޮށް ކުރިއެރުވުމަށް، ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ޙާޞިލުކުރުމަށްޓަކައި ކަމާ ގުޅޭ މުވައްސަސާތަކުން ބާރު ދުވެލީގައި މަސައްކަތްކުރަމުންދާކަމަށެވެ. 

އަދި މީޑިއާ އާއި ނޫސްވެރިން ބާރުވެރިކޮށް އެހީތެރިކަންފޯރުކޮށްދީ ކުރިއެރުވުމަކީ އަދުގެ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއްދޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޒަމާނީ ނޫސްވެރިކަމަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖަންސް އާއި އެނޫންވެސް ފަންނިއްޔާތުގެ މަންސަތަކުން ހޯދާ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށް، މީޒާން ހަމަކޮށް، ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު ޒިންމާއަދާކުރުމަށް އެމަނިކުފާނު ނޫސްވެރިންނަށް އިލްތިމާސްކުރެއްވިއެވެ. 

"އިންސާނީ ކަރާމާތް ގެއްލޭ ގޮތަށް މީހުންގެ އަބުރާއި އިއްޒަތް ނަގާލުމަށް ދޮގު މައުލޫމާތު، ހަބަރު ނުފެތުރުމަށް ހަރު އަޑުން އަޅުގަނޑު މިރޭ ގޮވާލަން. މީޑިއާއަކީ ވަކި ވަސީލަތްތަކުން ފޮނުވާ ހަބަރާއި މައުލޫމާތަކީ ހުރިހާ އުމުރަކާ ގުޅޭ، އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ ތަކެއްޗަށް ހެދުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމައަށް ދީ، ނޫސްވެރިންގެ ޒިންމާ އަދާކުރުމުގައި އެއްބާރުލުން ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"...ހުރިހާ ކަމެއްގައި ވެސް ދެފުށް ފެންނަ ސިޔާސަތާއި ހާމަކަން ބޮޑުކޮށް ކަންކަން ކުރާނެ ސަރުކާރެއްކަން. ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއްކަން. ނޫސްވެރިންގެ ޒިންމާ އަދާކުރުމުގައި މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެކަން،" އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް މީޒާންކޮށް، ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު ޒިންމާ އަދާކުރުމަށް ހުރިހާ ނޫސްވެރިންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު