ޚަބަރު
ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރާ ފައިނޭންސިން ސްކީމް އިފްތިތާހުކޮށްފި
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ، ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރުމަށް ފަސް ޕަސެންޓުގެ އިންޓަރެސްޓަށް ވުރެ ބޮޑު ނޫން އިންޓަރެސްޓު ރޭޓުގައި ދޭ ލޯނު ސްކީމް މިއަދު އިފްތިތާހުކޮށްފިއެވެ.


މި ސްކީމު އިފްތިތާހުކޮށް ދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ޖުމްލަ އެއް ބިލިއަން ރުފިޔާގެ ފަންޑްއަކާއެކު ހިންގާ މި ސްކީމްގެ ދަށުން ތިން ބާވަތެއްގެ ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސްކީމް ކުރިއަށް ގެންދަނީ ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެންނެވެ. 

މި ސްކީމްގެ ބައިވެރިންގެ ގޮތުގައި ހިމެނެނީ:

  • ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)
  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
މި ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރާނީ ތިން ގިންތިއަކުންނެވެ. އެ ގިންތިތަކަކީ:

  1. އަތޮޅު ތެރެއަށް: އެގޮތުން މި ގިންތީގެ ރަށްރަށުގައި ގެދޮރު އަޅަން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. މި ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހޭނެއެވެ. އެ ލޯނު ދޫކުރާނީ އެޗްޑީއެފްސީ މެދުވެރިކޮށެވެ.
  2. އާބަން ސެންޓަރުތަކަށް: ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. މި ލޯނު ދޫކުރާނީ ބީއެމްއެލާއި އެމްއައިބީ މެދުވެރިކޮށެވެ.
  3. ފުރަމާލެއަށް: މާލެ ސަރަހައްދުގައި ގެއަޅަން ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. މި ސްކީމްގެ ބޭނުމަކީ ގެދޮރު ހަދަން ބޭނުންވެ ހަދަން ނުފެށިފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމަން އެހީވުމާއި، މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން މަގުފަހިކޮށްދިނުމެވެ.
މާލެއަށް ދޫކުރާ ލޯނުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށްވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ކޮންމެ ފަރާތަކަށް ކޮންމެ ބިމަކަށް އިތުރު އެއް މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ހިމަނަން ފުރުސަތު ލިބޭނެއެވެ.

އާބަން ސެންޓަރުތަކާއި މާލެއަށް ހާއްސަކޮށްދޭ ލޯނުތައް ދޫކުރާނީ ބީއެމްއެލް އަދި އިސްލާމިކް ބޭންކުންނެވެ. އަތޮޅުތެރޭގެ އެހެން ރަށްތަކަށް ލޯން ދޫކުރާނީ އެޗްޑީއެފްސީންނެވެ.

ހިޔާވަހި ފައިނޭންސިން ސްކީމުގެ ދަށުން ދޫކުރާ ހުރިހާ ލޯނެއް ވެސް ދޫކުރާނީ ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. މި ލޯނަށް އެޕްލައި ކުރުމުގެ ފުރުސަތު މާދަމާ އިން ފެށިެން ހުޅުވާލުމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާ އިން ވަނީ ނިންމައިފައެވެ.

މި ލޯން ދޫކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުން ފެށިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު