ޚަބަރު
ގެދޮރު އަޅަން ދޫކުރާ ލޯނުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ހިޔާވެހި ސްކީމްގެ ދަށުން ބޯހިޔާވަހިކަމުގެ ލޯނަށް އެދުމަށް މިއަދު ހުޅުވާލައިފި އެވެ.

ގެދޮރު އަލަށް އިމާރާތްކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެ ވައުދުގެ ދަށުން "ހިޔާވަހި ފައިނޭންސިން ސްކީމް" މިދިޔަ އަންގާރަ ދުވަހު ލޯންޗުކޮށް، ލޯނުގެ ފުރަތަމަ ބުރަށް ކުރިމަތިލާން މިއަދުން ފެށިގެން އަންނަ އަހަރުގެ އޭޕްރީލް މަހުގެ އަށްވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ދީފަ އެވެ.

މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ބީއެމްއެލް، އެޗްޑީއެފްސީ އަދި އެމްއައިބީއާ އެކު ފަހުމުނާމާގައި ވަނީ ސޮއިކޮށްފަ އެވެ.

އޭގެ ތެރެއިން ރަށްވެހި ސްކީމުގައި ލޯނު ދޫކުރާނީ އެޗުޑީއެފްސީއިންނެވެ. އަދި ސަހަރާއި ފަހިމާލެ ސްކީމަށް ލޯނު ދޫކުރާނީ ބީއެމްއެލް އާއި އެމްއައިބީއިންނެވެ.

ލޯނުގެ އާންމު ޝަރުތުތައް

  • އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުން

  • ލޯނަށް އެދޭ މީހާގެ ނަމުގައި ބިމެއް ނުވަތަ ބިންތަކެއް ރަޖިސްޓްރީކޮށްފައި އޮތުން

  • ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ލޯނެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިވާ މީހަކަށް ނުވުން؛ ބޯހިޔާވަހިކަން ގަތުމުގެ މުއާމަލާތެއް ކޮށްފައިނުވުން

  • ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ބިމެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބި، މިދިޔަ 10 އަހަރުގެ ތެރޭގައި އެފަދަ ތަނެއްގެ މިލްކުވެރިކަން ދޫކޮށްލާފައިވާ މީހަކަށް ނުވުން (މުއްދަތު ގުނުމުގައި ބަލާނީ ފޯމު ހުށަހަޅާ ތާރީހަށް)


އަންނަ އަހަރު ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް ގެދޮވެރިކަމަށް ހާއްސަކޮށް، އެކަމަށް ބަޖެޓުގައި ޖުމްލަ 4.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން ހައުސިން ލޯން ދޭން ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު