ޚަބަރު
މީޑިއާ ކޮމިޝަންގެ ބިލަކީ މިނިވަން ނޫސްވެރިކަމަށް އޮތް ނުރައްކަލެއް: އެމްޖޭއޭ
މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދަން ހުށަހަޅާފައިވާ ބިލު ފާސްވެއްޖެނަމަ، ރާއްޖޭގައި އޮތް މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސައިލައިގެންދާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.

މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން ނެރުނު ބަޔާނުގައިވަނީ އެ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށެވެ.

އެ ޖަމިއްޔާއިން އަބަދުވެސް ގަބޫލުކުރާ އުސޫލަކީ މީޑިއާ ރެގިއުލޭޓް ކުރުމުގެ އިހްތިޔާރު އޮންނަން ވާނީ ސެލްފް ރެގިއުލޭޓްރީ ނިޒާމަކަށް ބުރަވާ ގޮތަށް ކަމަށް އެ ބަޔާނުގައިވެ އެވެ.

"މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލަކީ މި ހުރިހާ އުސޫލުތައް މުގުރިގެންދާނޭ ފަދަ މިނިވަން ނޫސްވެރިކަމާއި މީޑިއާއަށް އޮތް ނުރައްކަލެކެވެ،" އެމްޖޭއޭ އިން ބުންޏެވެ.

އޭގެއިތުރުން އެމްޖޭއޭއިން ބުނީ ސެލްފް ރެގިއުޅޭޓަރީ އުސޫލަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަޓިކް އުސޫލުތައް އޮންނަ އެހެން ގިނަ ގަުއމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ކާމިޔާބު ނިޒާމެއް ކަމަށެވެ. މިފަހުން އުފެއްދި ބާ ކައުންސިލަކީ ވެސް ކާމިޔާބު ކަމާ އެކު ހިނގަމުން އަންނަ އެފަދަ މިސާލެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.

އަދި ބިލު ހުށަހެޅުއްވި މެންބަރު ވެސް އަދި ސަރުކާރުގެ ފަރާތުން ވެސް އެ ބިލު އެކުލަވާލުމުގައި އެމްޖޭއޭ އަދި މީޑިއާގެ އިސް ފަރާތްތަކުގެ ލަފާ އެއްވެސް ވަރަކަށް ނުހޯދާކަން ވެސް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.

"މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލަކީ މި ހުރިހާ އުސޫލުތައް މުގުރިގެންދާނޭ ފަދަ މިނިވަން ނޫސްވެރިކަމާއި މީޑިއާއަށް އޮތް ނުރައްކަލެއް،" އެމްޖޭއޭއިން ބުންޏެވެ.

"ސަރުކާރަށް ފާރަވެރިވާން ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާ ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ނިޒާމެއް. އަދި މީޑިއާތައް ބެލެހެއްޓުމަށް މީގެ ކުރިން ސަރުކާރުގެ ނުފޫޒު ވަން ކޮންމެ ފަހަރަކު ވެސް މީޑިއާތަކާ ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިވެ ބައެއް ތަންތަން ބަންދުކުރާ ހިސާބަށް ގޮސްފައިވޭ،" އެ ބަޔާނުގައިވެ އެވެ.

އެމްޖޭއޭއިން ބުނީ ސެލްފް ރެގިއުލޭޓްރީ ނިޒާމަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަޓިކް އުސޫލުތައް އޮންނަ އެހެން ގިނަ ގައުމުތަކުގައި ވެސް އަމަލު ކުރަމުންދާ ކާމިޔާބު ނިޒާމެއް ކަމަށެވެ. އަދި ރާއްޖޭގެ ބާ ކައުންސިލަކީ ކާމިޔާބުކަމާ އެކު ހިނގަމުން އަންނަ މުއައްސަސާއެއް ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ މީޑިއާތައް ރެގިއުލޭޓް ކުރަން އުފައްދާ އާ ކޮމިޝަންގެ ތިންބައިކުޅަ ދެ ބައި އޮންނަންވާނީ މީޑިއާތަކުގެ އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑިއާތައް އަދި މަދަނީ ޖަމިއްޔާތައް ތަމްސީލުވާ ގޮތެއްގެ މަތިން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު