ޚަބަރު
މީޑިއާ ކޮމިޝަން ބިލު ހުށަހެޅީ ނޫސްވެރިކަން ކަފުން ކުރަން: އެމްޑީޕީ
މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވައިލުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކޮމިޝަނެއް އުފެއްދުމަށް ގާނޫނަށް އިސްލާހެއް ހުށަހެޅީ ނޫސްވެރިކަމުގެ މިނިވަންކަން ކަފުން ކުރުމަށް މި ސަރުކާރުން ގެންގުޅޭ މަކަރުވެރި ރޭވުމުގެ ދަށުން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފި އެވެ.

އަމިއްލަ މެމްބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލުގައިވާ ގޮތުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން މީޑިއާތައް ޖޫރިމަނާ ކުރެވޭނެ އެވެ. މީޑިއާތަކުގެ އިތުރުން، ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބެ އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްސީ) އެއްކޮށްލުމަށް ސަރުކާރުގެ ވިސްނުން ހުރިކަން ބަންޑާރަ ނައިބު ހާމަކޮށްފައި ވަނިކޮށް މި ބިލު އަމިއްލަ މެމްބަރެއް ލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ މަކަރުވެރި ރޭވުމެއްގެ ތެރެއިން ކަމަށެވެ.

"މިއީ މީޑިއާގެ މިނިވަންކަން ކަފުން ކުރުމަށް ސަރުކާރު އަޑީގައި އޮވެގެން މަޖިލީހަށް ވައްދާފައިވާ ބިލެކެވެ،" އެމްޑީޕީން ބުންޏެވެ.

ބިލު އޮތް ގޮތުން، މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަންގައި ނުނިމި ހުރި މައްސަލަތައް ވެސް އާ ކޮމިޝަނަށް ބެލޭނެ އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ސަރުކާރަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް ޒިންމާއެއް އަދާކުރަނީ މީޑިއާތަކުން ކަމަށްވާއިރު މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް ހުށަހަޅާ އެއްވެސް ގާނޫނަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށެވެ.

އަލަށް އުފައްދާ މީޑިއާ ކޮމިޝަނުގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންގޮސް މީޑީއާތަކަށް ހުރަސް އެޅުމަށް ސަރުކާރުން ރާވައި ހިންގަމުންދާ ހުރިހާ ކަންތައްތައް ހުއްޓައިލުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

އެ ބިލުގެ މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު