
ސައީދު ވިދާޅުވީ ކޮވިޑް މެނޭޖްކުރުމަށްޓަކާ އެކުވެރި ދައުލަތްތަކުންނާއި އެކި އިދާރާތަކުން އޭރުގެ ސަރުކާރާއި 565 މިލިއަން ޑޮލަރު ނުވަތަ 8.7 ބިލިއަން ރުފިޔާގެ ހިލޭ އެހީ ހަވާލުކޮށްފައިވާ ކަމަށެވެ.ކުރީ ސަރުކާރުން ހަދާފައިވާ އެކްސްޕެންޑިޗާ ރިޕޯޓްތަކުން ދައްކާ ގޮތުގައި ކޮވިޑަށް ކުރި ހަރަދު ކަމަށް ބުނާ އަދަދަކީ 4.2 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އަނެއް 4 ބިލިއަން ރުފިޔާ އަށް ވީގޮތެއް ނޭނގޭ ކަމަށް ސައީދު ވިދާޅުވި އެވެ."އަޅުގަނޑުގެ ސުވާލަކީ ކޮބާހޭ ކޮވިޑަށް ލިބުނު އަނެއް 4 ބިލިޔަން ރުފިޔާ. އެ ފައިސާ ދިޔައީ ކޮންބައެއްގެ އެކައުންޓްތަކަށްތޯ އެ ފައިސާ ދިޔައީ. މި ކަންކަން ނުބެލޭކަމަށްވަންޏާ ރައްޔިތުންގެ އިތުބާރު އެބަޔަކާ ދޭތެރޭގައި ގެއްލިގެންދާތަން މާޒީގައި ފެނިފައި އޮތީ،" ސައީދު ވިދާޅުވި އެވެ.ސައީދު ވިދާޅުވީ، ކޮވިޑާ ބެހޭ އޮޑިޓެއް ސަރުކާރުން ހަދަމުންދާ ކަމަށާއި އެ އޮޑިޓް ނިމުމުން ވީ ހިޔާނާތުގެ ތަފްސީލު އެނގިގެންދާނެކަމަށެވެ.