ޚަބަރު
ސައުދީ އާއި އަޒަރުބައިޖާން ދަތުރަށް ފަހު ރައީސް ރާއްޖެއަށް ވަޑައިގެންފި
ސައޫދީ އަރަބިއްޔާއާއި އަޒަރްބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ސައުދީއަށް ރައީސް ވަޑައިގެންނެވީ އަރަބް އިސްލާމިކް އެކްސްޓްރާ އޯޑިނަރީ ޖޮއިންޓް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެ ސަމިޓުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އިޒްރޭލުން ފަލަސްތީނާއި ލުބުނާނުގައި ހިންގަމުންދާ ނަސްލުހޭދު ހުއްޓުވުމަށްޓަކައި ސައޫދީ އަރަބިއްޔާގެ ލީޑަޝިޕުގެ ދަށުން މަަސައްކަތް ކުރުމަށް އިސްލާމީ ހުރިހާ ގައުމަކަށް ގޮވައިލައްވައިފަ އެވެ.

ސައުދީއަށް ކުރެއްވި ދަތުރުގެ ތެރެއިން ސައުދީ ފަންޑުގެ ސީއީއޯ، ސުލްތާން އަބްދުއްރަހުމާން އަލް މަރްޝަދު އާ ވެސް ރައީސް ބައްދަލު ކުރެެއްވި އެވެ.

އެއަށްފަހު އެމަނިކުފާނު އަޒަރުބައިޖާނަށް ފުރާވަޑައިގެންނެވީ އެ ގައުމުގެ ބާކޫގައި އޮތް ކޮޕް29 ގައި ބައިވެރިވެވަޑައިގަތުމަށެވެ.

ކޮޕް29ގައި އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ އެހީގެ މައްސަލަތައް ހައްލުކުރުމަށް ވަކާލާތުކުރައްވައި، މޫސުމީ ނޭދެވޭ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގައި ބައިނަލްއަގްވާމީ ފެންވަރެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

އަދި މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ ވަސީލަތްތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކާމެދު ދުނިޔޭގެ ލީޑަރުންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. އަދި މި މައްސަލައަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަމާއި، ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، މާލީ އަދި ފަންނީ އެހީ ބޭނުންވާ މިންވަރު އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮޕް ގައި ވާހަކަދައްކަވަމުން ރައީސް ވަނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން މޫސުމީ ބަދަލާ ދެކޮޅަށް ރާވާ ޕްލޭންތަކާއި ކުރާ މަސައްކަތަކަށް އެޅޭ އެންމެ ބޮޑު ހުރަހަކީ އެ ޕްލޭންތައް ތަންފީޒު ކުރަން ބޭނުންވާ ފައިސާ ނުލިބުން ކަމަށް ވިދާޅުވެ ޖަޒީރާ ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމަށް އަލި އަޅުއްވައިލައްވައި ވާހަކަދައްކަވައިފަ އެވެ.

ކޮޕޮ29 ގެ ހަވާސާގައި ރައީސް ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް އާ ބައްދަލު ކުރައްވައިފަ އެެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު