ޚަބަރު
ދައުލަތުގެ ވެރިންނަށް ވިސާ ނެތި އަޒަރުބައިޖާނަށް ދެވޭނެ
ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ބޭނުންކުރައްވާ ފަރާތްތަކަށް ވިސާ އާއި ނުލައި އަޒަރުބައިޖާން އެތެރެވުމުގެ ފުރުސަތު ލިބޭ އެއްބަސްވުމެއް ހަދައިފި އެވެ.

ރާއްޖެއާއި އަޒަރުބައިޖާންއާ ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި ސޮއިކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން ވަނީ މަަޝްވަރާ ކޮށްފަ އެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އެއީ ވިސާއަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުމުގެ އެއްބަސްވުމަކާއި ދެ ގައުމަށް ފައިދާވާނެ ގޮތަށް ޓޫރިޒަމް ކުރިއެރުވުމުގެ އެއްބަސްވުމެކެވެ.

ފުރަތަމަ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް އޮންނަ މީހުންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް އެތެރެވުމާއި ޓްރާންސިޓުވުމުގެ އިތުރުން 90 ދުވަހަށް އެ ގައުމުގައި ތިބުމުގެ ހުއްދަ ލިިބިގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހުރިހާ ދިވެހިންނަށް ވެސް ވިސާއާ ނުލައި އެ ގައުމަށް ދަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަން މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"މި އެއްބަސްވުމަކީ ހުރިހާ ދިވެހިރައްޔިތުންނަށް ވިސާއަކާ ނުލައި ދަތުރު ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ޓަކައި ކުރެވޭ މަސައްކަތަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އެގޮތުން މިކަމާގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވެސް އެއްބަސްވެވުނެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.

ދެން، ސޮއިކުރެއްވި "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ޓުއަރިޒަމް ބިޓްވީން ދަ ގަވަރންމެންޓް އޮފް ދަ މޯލްޑިވްސް އެންޑް ދަ ގަވަރންމެންޓް އޮފް އަޒެރްބައިޖާން" އަކީ އިގްތިސާދީ، ސަގާފީ އަދި އިޖްތިމާއީ ގޮތުން ދެ ޤަގަމަށްވެސް ފައިދާވާނޭ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު