ޚަބަރު
ރާއްޖެއަށް ވޭޕް އެތެރެކުރުން މިއަދުން ފެށިގެން މަނާވެއްޖެ
ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެން ވިޔަފާރިކުރުން މަނާވެއްޖެ - ފޮޓޯ/ގެޓީ އިމޭޖަސް
މިއަދުން ފެށިގެން ވޭޕްގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރުން މަނާކޮށްފި އެވެ. 

މިގޮތަށް އަމަލުކުރަން ފަށާފައިމިވަނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވުމާއި ގުޅިގެންނެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ.

މިގޮތުން، މަޖިލީހުން އެ ބިލް ފާސްކޮށްފައި ވަނީ 54 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވި ނަމަވެސް ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާކަމަށް އަށް މެންބަރަކު ވޯޓުދެއްވި އެވެ.

މިމަހުގެ ހަވަނަ ދުވަހު ބޭއްވި އިޖުތިމާއީ ކޮމިޓީގައި އެ ބިލަށް ވަނީ އިސްލާހުތަކެއް ވެސް ގެނެސްފައެވެ. އެ އިސްލާހުތަކުގެ ތެރޭގައި، އީ-ސިނގިރޭޓު އަދި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފި ނަމަ، އެ ފަރާތެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން، ގާނޫނާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅުތައް އިތުރުކުރުމަށާއި އެ ނޫންވެސް ގާނޫނު ތަންފިޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމެވެ.

ސްކޫލްތަކުގެ ތެރޭގައި ކުދިންގެ މެދުގައި ވެސް ވޭޕް ބޭނުންކުރުން ވަރަށް ބޮޑަށް އާންމުވެ، ގައުމީ ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިހާރު ވެސް 30 އަށް ވުރެ ގިނަ ގައުމުގައި ވޭޕް މަނާކޮށްފައިވާ އިރު، މި ސަރަހައްދުގެ 11 ގައުމުގެ ތެރެއިން ހަތް ގައުމުގައި ވޭޕް މަނާކޮށްފައިވެ އެވެ.

ކަސްޓަމްސް އިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2018 އިން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް 124،342،915ރ. ގެ ވޭޕާއި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ. އެ އަދަދު، މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް ހުރީ 19.7 މިލިއަން ރުފިޔާ އެވެ. އަދި 2018-2023 އަށް ހުރީ 104،564 މިލިއަން ރުފިޔާގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު