ޚަބަރު
ކޯސްޓު ގާޑުން އަތުލައިގަތް ބޯޓަުން 468 ކިލޯ ޑްރަގު ފެނިއްޖެ
ކޯސްޓް ގާޑު ހިފެހެއްޓި ލަންކާގެ މަސްބޯޓު.-- ފޮޓޯ: އެމްއެންޑީއެފް
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީ ލަންކާގެ ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުން ދެންމެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ހދ. މަކުނުދޫގެ ބޭރުން ލަންކާ މަސް ބޯޓެއް އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހިފެހެއްޓީ ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ.

އެ ބޯޓު ހިފެހެއްޓީ އެމްއެންޑީއެފަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕީ އިތުރަށް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު 9:30 ގައި ކުޅުދުއްފުށީ ސިޓީ ފުލުހުން ކޯސްޓުގާޑުގެ ފުލުހުންނާއެކު އެ އުޅަނދު ބަލައިފާސްކުރުމުން 468 ކިލޯގެ މަސްތުވާތަކެތި އެ ބޯޓު ތެރެއިން ފެނުނު ކަމަށެވެ. އެ ތަކެތި ޓެސްޓުކޮށް ބެލުމުން އޭގެ ތެރޭގައި އެކި ބާވަތުގެ މަސްތުވާތަކެތި ހިމެނޭކަންވަނީ އެނގިފަ އެވެ. 

އެގޮތުން އޭގެ ތެރޭގައި 340 ކިލޯގެ މެތާއި، 124.6 ކިލޯގެ ކޮކެއިން ފެނިފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ. މިތަކެތީގެ ވަގުތީ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާކަމަށް ޝުޖާ ވިދާޅުވި އެވެ. 

ސީޕީވަނީ ކޯސްޓުގާޑަށާއި އެމްއެންޑީއެފްއަށް އެ މަސައްކަތުގައި ދިން އެއްބާރުލުން ފާހަގަކުރައްވައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ބޯޓުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ފޮޓޯ ސީޕީވަނީ މީޑިޔާތަކަށް ދައްކަވާލައްވާފަ އެވެ. 

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެވުނު އެންމެ ބޮޑު ޑްރަގް ޝިޕްމެންޓުތަކުގެ ތެރޭގައި ހިމެނޭނެ އެއް ޝިޕްމެންޓެކެވެ. 

ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓް ޔުނިޓާއި ކުޅުދުއްފުށީގެ ޕޮލިސް ސްޓޭޝަން ގުޅިގެން މި މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ މިއަދު ހިފެހެއްޓި ތަކެތީގެ ވީޑިއޯ ފުޓޭޖުތައް ދައްކާލައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު