
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ. މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް އަދި ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.އަލީ ވިދާޅުވި ގޮތުގައި އޭނާ އެ މައްސަލަ ހުށަހެޅުއްވީ އެ އިސްލާހަކީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި، 8، 26، 75، އަދި 90 ވަނަ މާއްދާތަކާ ހިލާފު އިސްލާހަކަށްވެފައި އެ އިސްލާހަކީ ދުސްތޫރީ އޮނިގަނޑާ މުޅިން ހިލާފު އިސްލާހަކަށްވާތީ ކަމަށެވެ. އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލް ވާން އެ ޕާޓީން ނިންމީ، ގާނޫނުއަސާސީ އިސްލާހުކޮށްފައިވަނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުވާ މެމްބަރުން ހިޔާރުކުރުމަށް ރައްޔިތުންނަށް ލިބިފައިވާ ބާރު ނިގުޅިގެންދާ ގޮތަށް ކަމަށެވެ. ޑިމޮކްރެޓްސް އިން ވެސް ބުނީ މި އިސްލާހުގެ ސަބަބުން، ސީދާ ގާނޫނުއަސާސީއިން މަޖިލީހުގެ މެމްބަރުންނަށް ކަށަވަރުކޮށްދީފައިވާ އިމްތިޔާޒުތައް ނިގުޅައިގަނެ، އިންތިހާބީ މި މަގާމުތަކުގެ ދެމިއޮތުމާއި ނެތުން ސިޔާސީ ޕާޓީއެއްގެ އައްޔަނުކުރެވޭ ފިޔަވަޅު އަޅާ ކޮމިޓީއެއްގެ ބާރުގެ ދަށަށް ގެނެވިގެންދާނެ ކަމަށެވެ.އަދި ތިން ބާރު ވަކިވެފައިވާ މުޅި ނިޒާމު ހުއްޓުމަކަށް އައިސް، ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގައުމު ވެއްޓި، ވަކި ސިޔާސީ ޕާޓީއެއްގެ އަތްމައްޗަށް ދައުލަތުގެ އެންމެހައި ބާރުތައް ނެގުމުގެ ފުރުސަތު މި އިސްލާހުގެ ސަބަބުން ލިބޭ ކަމަށް ވެސް ޑިމޮކްރެޓުން ބުންޏެވެ.އެ ދެ ޕާޓީން ވެސް ބުނީ، މި މައްސަލައަށް ތަދައްހުލްވުމަށް ގާނޫނީ ވަކީލުން މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.