ޚަބަރު
ޑެޕިއުޓީ މިނިސްޓަރު ރާގިބު މަގާމުން ވަކިކޮށްފި
އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރަމަންޓް އެންޑް އެނާޖީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޒު މުހައްމަދު ރާގިބު އަހުމަދު މިއަދު މަގާމުން ރައީސުލްޖުމްހޫރިއްޔާ ވަކި ކުރައްވައިފި" ކަމަށެވެ. 

ރާގިބު ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ތިނަދުއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅި ނިންމުމާއި އެ ނިންމުމާ ގުޅިގެން އަޅާފައިވާ އެންމެހާ އިދާރީ ފިޔަވަޅުތައް ބާތިލްކުރުމަށެވެ. މި މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމައެވެ.

ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، ރައީސް އޮފީހަށް ރައްދުވާ ގޮތަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. 

ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ތިނަދުއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅި ނިންމުމާއި އެ ނިންމުމާ ގުޅިގެން އަޅާފައިވާ އެންމެހާ އިދާރީ ފިޔަވަޅުތައް ބާތިލްކުރުމަށެވެ.

މި މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެ ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ.

ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސްގެ ގަރާރަކުން އޮގަސްޓް މަހުގެ 30 ގަ އެވެ. އެ ގަރާރުގައި ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަން ޖެހޭ ޝަރުތުތައް ތިނަދޫގައި ފުރިހަމަވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބުމުގައި ޤާނޫނީ ހުރަސްތަކެއް ހުރުމުން އެކަމާ ގުޅޭ ގޮތުން އެ ރަށު ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް އެ މައްސަލަ މިދިޔަ އަހަރުގެ ފަހުކޮޅު ހުށަހެޅި އެވެ.

އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ މާޗް މަހުގެ ތެރޭގައި ގދ. ތިނަދޫ ކައުންސިލަކީ، "ތިނަދޫ ސިޓީ ކައުންސިލް" ގެ ގޮތުގައި އަދި ގދ. ތިނަދޫ ކައުންސިލްގެ އިދާރާއަކީ "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ"ގެ ގޮތުގައި ހަމަޖެއްސެވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު