ވިޔަފާރި
އައިލެންޑް އޭވިއޭޝަން އޮތީ އެމްއޭސީއެލަށް ބޮޑުތަނުން ދަރާފައި
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް 1.2 ބިލިއަން ރުފިޔާ ދައްކަންޖެހިފައިވާ ކަން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގައި އެމްއޭސީއެލްގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އެސްއޯއީ ކުންފުނިތަކުން އެ ކުންފުންނަށް ދައްކަންޖެހޭ ވަރަށް ގިނަ ފައިސާ އަދިވެސް ނުދައްކާ އެބަހުރި ކަމަށެވެ.

ޚާއްސަކޮށް އައިލެންޑް އޭވިއޭޝަނުން 1.12 ބިލިއަން ރުފިޔާ ނުދައްކާ އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ އާންމުކޮށް ކްރެޑިޓަށް ހިދުމަތް ދޭ ބައެއްވެސް ނޫން. އެކަމަކު ބައެއް އެސްއޯއީތައް އެބަހުރި [ޑިސްކައުންޓް ދީފައި]" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ތަންތަނުން އެމްއޭސީއެލްއަށް ދައްކަންޖެހޭ ފައިސާ ގަވައިދުން ދައްކަމުން ނުދާތީ އެ ކުންފުނީގެ ބައެއް ކެޕިޓަލް ހަރަދުތައް ކުރުމަށް ދަތިތައް އެބަހުރި ކަމަށެވެ. 

ޝަރީފް އިތުރަށް ވިދާޅުވީ މި އަހަރު ނިމޭއިރު އެމްއޭސީއެލް އިން އައިއޭއެސް އަށް ދޭ ޑިސްކައުންޓް އެކަނިވެސް 80 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށެވެ. އައިއޭއެސް އިން ދައްކަންޖެހޭ ފައިސާ ދެއްކުމަށް މަސައްކަތް ނުކުރާނަމަ އެމްއޭސީއެލް އަށް ދިމާވާ ދަތިތައް އިތުރުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމްއޭސީއެލްއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީވެސް ގައުމީ އެއާލައިން ހިންގާ ކުންފުނި -- އައިއޭއެސް އިންނެެވެ.

އައިލެންޑް އޭވިއޭޝަނުން އެމްއޭސީއެލްއަށް ނުދައްކާ 351 މިލިއަން ރުފިޔާ އެބައޮތް ކަމަށް މި އަހަރުގެ ޖުލައި މަހު އާންމުކުރި އޮޑިޓް ރިޕޯޓުން ވެސް ދެއްކިއެވެ. ނަމަވެސް، މިހާރު އެ އަދަދުތައް އިތުރުވެ، 1.12 ބިލިއަނަށް އެ ވަނީ އަރާފައެވެ.

އޮޑިޓުން ދައްކާ ގޮތުގައި އައިލެންޑް އޭވިއޭޝަނުން ނުދައްކާ ހުރި ފައިސާއަކީ 2016 ވަނަ އަހަރުން ފެށިގެން ނުދައްކާ ހުރި ފައިސާއެވެ. އެ ދެމެދުގައި އެންމެ ބޮޑު އަދަދެއް ނުދައްކާ އޮތީ 2021ވަނަ އަހަރެވެ. އެއީ، 248 މިލިއަން ރުފިޔާގެ ދަރަންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު