ވިޔަފާރި
ހަނިމާދޫގައި ސީޕްލޭންގެ ހިދުމަތް ވެސް ފަށަނީ
ވަރަށް އަވަހަށް ހދ. ހަނިމާދޫގައި ސީޕްލޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފިއެވެ.

އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރާވާފައިވާ ކަންތައްތަކާއި ކުންފުނިން ނަގާފައިވާ ލޯނުތަކުގެ މައުލޫމާތު ހޯދަން މިއަދު ވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީގެ ސަބްކޮމެޓީއަށް ހާޒިރުކޮށްފަ އެވެ. 

ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ނިމޭއިރު، އެތަނުގައި ސީޕްލޭންގެ ޚިދުމަތް ފެށުން މުހިންމު ކަމަށެވެ.

"އެއީ އަސްލު ހަގީގަތުގަ ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓެއް ފީސަބަލް ވާނީ އެ ކައިރީ ހުރި އުނދުތަކަކަށް އެކްސެސްވެގެން. އެހެންވީމަ 180 ކިލޯގެ ރޭޑިއަސްގަ ހަނިމާދޫއަށް ޖައްސާ މަތިންދާބޯޓުތަކުން އަންނަ ފަތުރުވެރިންނަށް މި ދެންނެވި ރޭޑިއަސްގެ ރިސޯޓުތަކަށް ޕްރޮޕަޓީސްތަކަށް ދެވެންޏާ ފީސަބަލް ވާނެ،" މުޖުތަބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އެއާޕޯޓް ހުޅުވެން ވާއިރަށް ސީޕްލޭން ޓާމިނަލް ނުހުޅުވުނު ނަމަވެސް ހުޅުވުމާ އެކު ސީޕްލޭން ކުޑަ ޓާމިނަލެއް ހަދައި ހިދުމަތް ފަށަން ޕްލޭން ކުރަމުން އަންނަ ކަމަށެވެ.

"އޭރުން ހަމަ ގައިމު ވެސް ނެރޯ ބޮޑީސްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ އެއް ބައި ފްލައިޓްތައް ހަނިމާދުއަށް މޫވްކުރެވޭނެ،" މުޖުތަބާ ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން އެމެރިކާ ޑޮލަރަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއަކީ އިމާރާތް ކުރުމުގެ ދާއިރާއާއި ހަކަތައިގެ ދާއިރާގެ މަޝްރޫއުތައް ހިންގާ އިންޑިއާގެ ކުންފުންޏެކެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރި ކްރެޑިޓް ލައިނުން ހިންގާ އެ މަޝްރޫއުގައި، ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރުން ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު