ވިޔަފާރި
ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓު ފީތައް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި
ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓު ފީ އާއި ޓެކްސްތައް ބޮޑު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އޮތް ތިން ބިލު ވެސް އެއްވެސް ބަދަލެއް ނުގެނެސް މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން މިއަދު ބޭއްވި ޖަލްސާގެ ވޯޓު ގަޑީގައި ގްރީން ޓެކުހާއި ޓީޖީއެސްޓީ ބޮޑުކުރުމާއި އެއާޕޯޓު ފީތައް ބޮޑުކުރަން ގާނޫނުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ. 

މި ބިލުތައް ފާސްކުރަން ނުފެންނަ ވޯޓުދީފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.

ޓުއަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާއެކު ވަނީ ޖޫން، 2025، އިން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ. އަދި ޖެނުއަރީ، 2025، އިން ފެށިގެން ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް އިތުރު ކުރަން ވެސް މިއަދު ފާސްކުރި ބިލުގައި ހުށަހަޅާފައިވެ އެވެ.

އެއާޕޯޓު ޓެކްސް އަދި ފީ ބޮޑު ކުރަން ހުށަހަޅާފައިވާ ބިލުގައި އިކޮނޮމީ ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާ ފީ އާއި ޓެކްސް ނޫން އެހެން ހުރިހާ ފީއެއް އަދި ޓެކުހެއް ބޮޑު ކުރަން ހުށަހަޅާފައިވެ އެވެ. އިކޮނޮމީ ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން މިހާރު ވެސް 12 ޑޮލަރުގެ ފީއެއް އަދި ހަމަ 12 ޑޮލަރުގެ ޓެކުހެއް ނަގަ އެވެ.

ޓޫރިޒަމު ގާނޫނަށް ގެނައި އިސްލާހުގެ ދަށުންގްރީން ޓެކްސްގެ ގޮތުގައި 963.6 މިލިއަން ރުފިޔާ އަދި 2026 ގައި 1.19 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. އަދި، ޓީޖީއެސްޓީ ބޮޑުކޮށްގެން އަންނަ އަހަރު 201.9 މިލިއަން ރުފިޔާ އަދި 330.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާފީ ބޮޑުކުރަން ހުށަހަޅާފައިވާ ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށެވެ. އޭގައިވާގޮތުން:

އެ ބިލުގައި ވަނީ:

  • އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން 

  • އިކޮނޮމީ ކްލާހުން ފުރާ ދިވެހިންގެ އަތުން ނަގާ ފީ ބޮޑެއް ނުކުރާނެ 

  • ބިޒްނަސް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން 

  • ފަސްޓް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން 

  • ޖެޓުގައި ފުރާ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން 

އެ އިސްލާހު ހުށަހަޅާފައިވަނީ އަންނަ 1 ޑިސެމްބަރުން ފެށިގެން އެއާޕޯޓު ފީ ބޮޑު ކުރާ ގޮތަށެވެ.

އެއާޕޯޓު ފީތަކަށް ގެނައި ބަދަލާއެކުވެސް އަންނަ އަހަރު ޑިޕާޗާ ފީގެ ގޮތުގައި 726.5 މިލިއަން ރުފިޔާ އަދި އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި 809.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ސަރުކާރުން ލަފާކޮށްފައިވެ އެވެ.

ސަރުކާރުގެ އަމާޒަކީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ޑިޕާޗާ ޓެކްސް ބޮޑުކޮށްގެން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އިތުރަށް ހޯދުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު