ވިޔަފާރި
އެޗްޑީސީ އަށް އަމިއްލަ ކުންފުނިތަކުން ދަރައިފަ، 1.2 ބިލިއަން ރުފިޔާ ނުލިބި
ވިޔަފާރި އުސޫލުން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދޫކޮށްފައިވާ ބިންތަކަށް އެކި ފަރާތްތަކުން ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 1.2 ބިލިއަން ރުފިޔާއަށް އަރާކަން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި، އެއްބަސްވުން އުވާލާފައިވާ ކޮންޓްރެކްޓްތަކަށް ނުލިބި 195 މިލިއަން ރުފިޔާ އެބަހުއްޓެވެ.

ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އަށް ނުލިބި ހުރި ފައިސާގެ ބޮޑު ބައެއް ލިބެން ޖެހެނީ އެ ކުންފުނިން ކޮމާޝަލް ބޭނުންތަކަށް ފްލެޓްތައް އިމާރާތް ކުރަން ދީފައިވާ އަމިއްލަ ކުންފުނިތަކުންނެވެ. މާލިއްޔަތު ކޮމިޓީގައި ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުން އަމިއްލަ ކުންފުނިތަކުން ނުލިބި 900 މިލިއަން ރުފިޔާ އެބަހުއްޓެވެ.

"ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުން އެބަހުރި މިލިއަނުން ފައިސާ ނުދައްކާ ބިންތަކަށް. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެޗްޑީސީން ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ތެރެއިން ނުލިބި ހުރި ފައިސާގެ ހިސާބުތަކުގެ ތެރޭގައި އެކިއެކި ފަރާތްތަކުން އެޗްޑީސީއަށް ދައްކަންޖެހޭ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ އެބައޮތް ކަމަށެވެ.

އޭގެތެރެއިން މިހާތަނަށް ހޯދަން މަސައްކަތްކުރީ ކިހާވަރެއް ކަމެއް ނޭނގޭ ކަމަށާއި ދައުލަތަށް ލިބެން ޖެހޭ ފައިސާ މަހުން މަހަށް ނުހޯދުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ދައުލަތަށް ލިބެންވާ ފައިސާތައް ނުލިބޭތީ، ފިނޭންސް މިނިސްޓްރީއާއި ދައުލަތުގެ އެހެން މުއައްސަސާތަކުން ފައިސާ ހޯދަން މަސައްކަތްކުރާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"މީގައި އަޅުގަނޑުވެސް ދަންނަ ބޮޑެތި ކުންފުނިތައް އެބަހުރި ބިން ދޫކުރި ދުވަހުން ފެށިގެން ފައިސާ ނުދައްކާ. ހަމަ ބޮޑެތި ވިޔަފާރިކުރާ ކުންފުނިތައް. އެހެންނަމަވެސް މީގަ އެއްވެސް ފިޔަވަޅެއް ނޭޅިފައި މިއޮތީ ކީއްވެގެން ބާވައޭ؟" ސަލީމް ވިދާޅުވިއެވެ.

ކޮމިޓީ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވަނީ އެ ފައިސާތައް ހޯދަން އެޗްޑީސީން ކުރި މަސައްކަތްތަކާއި ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލާއި، އެ ފައިސާ ނުހޯދޭ ކަމުގައި ވަނީ ނަމަ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން އަޅަން ގަސްތުކުރާ ފިޔަވަޅުތައް އެ ކޮމިޓީއާ ހިއްސާކުރަން އެ ކުންފުންޏަށް އެންގުމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު