ޚަބަރު
ބޭރު ފައިސާގެ ބިލަކީ ޑޮލަރުގެ މައްސަލައަށް އޮތް ހައްލު: ރައީސް
އެމްއެމްއޭއިން އަލަށް އެކުލަވާލައި އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާފައިވާ ބޭރު ފައިސާއާ ބެހޭ ބިލަކީ ޑޮލަރުގެ ދަތިކަމަށް އޮތް ހައްލުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭއިން މިހާރު އެކުލަވައިލާ އަމަލުކުރަމުންދާ މަނީ އެކްސްޗޭންޖު ގަވާއިދަށް ގާނޫނީ ބާރުވެރިކަން ހޯދައިދިނުމަށް މަޖިލީހަށް ފޮނުވުމަށް ބިލެއް އެކުލަވައިލާ އާންމުންނާއި ވިޔަފާރިތަކުގެ ހިޔާލަށް ހުޅުވާލާފައިވަނީ އިއްޔެ އެވެ. 

މިހާރު އަމަލުކުރާ ގަވާއިދުގައިވެސް އޮންނަ ގޮތަށް ރިސޯޓުތަކުން 500 ޑޮލަރު މާރުކުރަންޖެހުމާއެކު، ފަތުރުވެރިކަމުގެ ވިޔަފާރިތައް ނޫން އެހެނިހެން ވިޔަފާރިތަކުގެ ތެރެއިން އަހަރަކު 20 މިލިއަން ޑޮލަރަށްވުރެ މަދުނޫން އާމްދަނީއެއް ލިބޭ ހުރިހާ ވިޔަފާރިތަކުން ބޭރު ފައިސާގެ އާމްދަނީ ބޭންކުތަކަށް ޖަމާކުރުމާއެކު އާމްދަނީގެ 25 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވެ އެވެ. 

އެއާއެކު ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ރައީސްގެ ނިންމެވުން އަނެއްކާ ވެސް ބަދަލު ކުރެއްވީ ކަމަށް ވިދާޅުވެ ފާޑުކިޔަން ފަށައިފައެވެ.

އެ ބިލާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ 500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

"އަދި 17 ނޮވެމްބަރު 2024 ގައި އަޅުގަނޑު ދެންނެވި ފަދައިން ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭއިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއް. މި ޤާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.

އާ ބިލުގައި ހިމަނައިފައިވާ އިތުރު ބަދަލަކީ، ފަތުރުވެރިކަމާ ގުޅުން ހުރި ޚިދުމަތެއް ނުދިން ނަމަވެސް 20 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން 25 ޕަސެންޓަށް ވުރެ ބޮޑު ނުވާ ގޮތަށް ޑޮލަރު މާރުކުރަން ޖެހުމެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމް ނޫން ދާއިރާ ތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު ޢާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވާނެ ކަމަށެވެ.

"މި ފަހި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެންދާނީ އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުން" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު