ޚަބަރު
މިނިސްޓަރު ރަމީލާ އިސްތިއުފާ ދެއްވައިފި
ސިއްހީ ހާލަތު ހުރި ގޮތުން މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމުން ޑރ. އާއިޝަތު ރަމީލާ އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓަރު ރަމީލާ މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ހުރި ގޮތުން ކަމަށެވެ. އަދި އެކަމަނާގެ އިސްތިއުފާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބަލައިގެންފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މިނިސްޓަރު ރަމީލާ އުޅުއްވަނީ ކެންސަރުގެ އާލާސްކަންފުޅެއްގަ  އެވެ. މަގާމާ ހަވާލުވެވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަރުވާ އަށް ރާއްޖޭން ބޭރަށް ވެސް ވަޑައިގެންނެވި އެވެ. އެކަމަނާގެ އާލަސްކަންފުޅު އެކަމަނާ ފުރަތަމަ ހާމަ ކުރެއްވެވީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ނޮވެމްބަރު 29، 2023 ވަނަ ދުވަހު އެވެ.

އެ ޕޯސްޓުގައި އެ ކަމަނާ ވިދާޅުވެފައި ވަނީ ކެންސަރު ބަލީގެ އާލަސްކަންފުޅެއްގައި އުޅުއްވާކަމަށާއި އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ. ނަމަވެސް އެކަމަނާ ތަހައްމަލު ކުރައްވަނީ ކެންސަރުގެ ކޮން ބާވަތެއް ކަން ހާމަ ކުރައްވާފައެއް ނުވެ އެވެ. 

ރައީސްގެ ބަޔާނުގައި ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲގެ ތަނަވަސް ރަހުމަތްފުޅުން އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރެއްވުމަށް ދުއާ ކުރައްވާފައިވެ އެވެ.

ރަމީލާ ވަނީ މީގެ ކުރިން ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭނާ ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެނީ 1990 ވަނަ އަހަރު ނަރުހެއްގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު