ވިޔަފާރި
އދ. އަރިޔަދޫ އަކީ އެގްރިކަލްޗާ މިނިސްޓްރީގެ ރަށެއްގެ ގޮތުގައި ނިންމައިފި
އދ. އަރިޔަދޫ: ރުއް އިންދުމުގެ ގައުމީ ޕްރޮގްރާމް މި ރަށުގައި ކުރިއަށް ގެންދަން ވަނީ ނިންމާފައި.
އދ. މާމިގިލި ކައިރީގައި އޮންނަ ފަޅު ރަށް، އަރިޔަދޫ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ރަށެއްގެ ގޮތުގައި ހަމަޖައްސައި އެތަނުގައި ރުއް އިންދައި އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ރަށެއްގެ ގޮތުގައި މި ރަށް ހަމަޖެއްސީ މިދިޔަ އާދީއްތަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.

ވަޒީރުންގެ މަޖިލީހުން ނިންމީ ރާއްޖޭގައި ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް އެ ރަށުގައި ކުރުމަށެވެ.

ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައް ވެސް އެ ރަށުގައި އުފެއްދުމަށް ވަނީ ނިންމާފަ އެވެ.

އަދި ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ އެކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާޗް އަރިއަދޫގައި ފަށައި، ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށް ވެސް ނިންމަފައި ވާކަން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން ބުނީ އެ ސެންޓަރު ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށްޓަކައި ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލައިގެން ރަށް މެނޭޖްކުރުމުގެ ޚަރަދު ހޯދަން ވެސް ނިންމާފައި ވާކަމަށެެވެ.

ރާއްޖޭގައި މިވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން މި މަޝްރޫޢުގެ ސަބަބުން ރުކުގެ ބާވަތްތަށް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި ކާނާގެ ޔަގީންކަން އިތުރުވެގެންދާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު