
އެސްޓީއޯ، އެމްއޭސީއެލް، އެމްޕީއެލް، އެމްޓީސީސީ އަދި އެޗްޑީސީ ގުޅިގެން މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ޖޫން މަސް ތެރޭ އެމްއޯޔޫއެއްގައި ސޮއިކުރީ އުތުރުތިލަފަޅުން 200 ހެކްޓަރުގެ ބިން ހިއްކައިގެން ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގުމަށެވެ. އޮންލައިން ނޫސް "ދައުރު"އަށް މިދިޔަ ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި އެ މަޝްރޫއުގެ ފަހުގެ މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެ މަޝްރޫއު ފެށުމަށް ރޭވި މުއްދަތަށް ވުރެ ލަސްވެފައި ވަނީ މަޝްރޫއު ހިންގުމަށް ބޭނުންވާ ތަން ނުލިބިގެން ކަމަށެވެ. އޭނާ ވިދާޅުވީ މޭވާ ތަރުކާރީގެ އިތުރަށް އެ މަޝްރޫއުގެ ދަށުން ކުކުޅު ބިސް ވެސް އުފެއްދުމަަށް ނިންމާފައިވާ ކަމަށެވެ. އަދި ކުކުޅު ބިހަކީ މިހާރު ވެސް ބައެއް އަމިއްލަ ފަރާތްތަކުން ރާއްޖޭގައި އުފައްދާ އެއްޗެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެސްޓީއޯގެ އަމާޒަކީ ރާއްޖެއަށް އެތެރެކުރާ ބިހަށް ވުރެ ކޮލިޓީ ރަނގަޅު އޯގެނިކް ބިސް ރާއްޖެއިން ލިބޭނޭ ގޮތަށް ހެދުން ކަމަށެވެ.