މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބަހަން، ސަރުކާރު ވިޔަފާރި ކުންފުނި އެސްޓީއޯއިން ފާސްކޮށްފި އެވެ.
ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި މި އަދަދު ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި، 952،358 ހިއްސާ ތަމްސީލްކުރާ 253 ހިއްސާދާރުންގެ ތެރެއިން 99 ޕަސެންޓުގެ ވޯޓުންނެވެ.
ރޭގެ ޖަލްސާގައި 263 މެމްބަރުން ބައިވެރިވި އެވެ. އޭގެ ތެރެއިން 87 މެމްބަރުން ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި އިރު 176 މެމްބަރުން ވަނީ ޖަލްސާ އޮތް ދޫސިތު ޑީ2 ފޭދޫ މޯލްޑިވްސް އަށް ހާޒިރުވެ ބައިވެރިވެފަ އެވެ.އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ވޯޓުންނެވެ.
މިއީ، ފަހުގެ ތާރީހެއްގައި އެންމެ ގިނަ އަދަދަކަށް ފައިދާއިން ހިއްސާދާރުންނަށް ބަހަން ނިންމި ފަހަރުކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފަ އެވެ.
އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.6 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބުނެވެ.