މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރު، މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި އެވެ.
މި ޕްލެޓްފޯމް އިފުތިތާހު ކޮށްދެއްވީ މައިންޑްކޯއާއި ބީއެމްއެލް ގުޅިގެން ބާއްވާ ކޯލެބް 26 އިވެންޓް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ލެބް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިޖިޓަލް ތަސައްވުރު، 'މޯލްޑިވްސް 2.0' އެޖެންޑާގެ ދަށުން އިފްތިތާހު ކުރި ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމުގެ މައިގަނޑު ބޭނުމަކީ އޭއައި އިންވެސްޓްމަންޓްތަކުން ފައިދާ ހޯދުމާއި ރައްޔިތުންނަށް އިސްކަންދޭ ހިދުމަތްތައް ދިނުމާއި ވަރުގަދަ ގަވަރނަންސް އާއި މަސައްކަތުގެ ދުވެލި އަވަސްކުރުމެވެ.ޕްރޮގްރާމުގެ ފަހު ދެ ދުވަހު ކުރިއަށްދާނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ބާއްވާ "ހެކަތަން" އެކެވެ. މި ހެކަތަންގައި ދެ ދާއިރާއަކުން (ޓްރެކަކުން) މަސައްކަތް ކުރެވޭނެއެވެ. އެއީ ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރާނެ ގޮތްތައް ދެނެގަތުމަށް ހާއްސަ "އެޕްލައިޑް އޭއައި ޓްރެކް" އާއި، ބޭންކް އޮފް މޯލްޑިވްސްގެ 'ސްވައިޕް އޭޕީއައި' ބޭނުންކޮށްގެން ކުރިއަށްގެންދާ "ފިންޓެކް އިނޮވޭޝަން ޓްރެކް" އެވެ.ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ކަސްޓަމަރުންނަށް ޚިދުމަތްދޭ އިދާރާތަކުން ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމާއި، ހިރާސްތައް މެނޭޖުކުރުމާއި، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމާއި ސްކޭމްތައް ދެނެގަތުމާއި، ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން، އަވަސް އަދި މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ ނިންމުންތައް ނިންމުމުގެ ގާބިލުކަން އާޓިފިޝަލް އިންޓެލިޖެންސް އޭއައިއަށް ލިބިގެންވާ ކަމަށެވެ."ޓެކްނޮލޮޖީއަކީ މާލީ އިދާރާތަކަށް މިހާރު ހަމައެކަނި މަސައްކަތްތަކަށް އެހީތެރިވެދޭ ކަމެއް ނޫން. އޭގެ ބަދަލުގައި، އެއީ ކަސްޓަމަރުންގެ ތަޖުރިބާއާއި، ޚިދުމަތްތަކަށް އޮންނަ ފަސޭހަކަމާއި، އަދި އިގްތިސާދީ ބައިވެރިވުން ބައްޓަންކުރަމުންދާ މުހިންމު ވަސީލަތެއް،" ޝަރީފް ވިދާޅުވި އެވެ.މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވީ މިފަދަ ހާއްސަ ގައުމީ މަރުކަޒެއް ގާއިމްކުރުމުން، ރާއްޖޭގެ އަމިއްލަ އޭއައި އަދި ޑޭޓާގެ ގާބިލުކަން ބިނާކުރުމަށް ފުރިހަމައަށް ސަމާލުކަން ދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.އަމަލީ ގޮތުން ބޭނުންކުރެވޭނެ، އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދައާ ގުޅޭ އަދި ރާއްޖޭގެ މާހައުލަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ."މީގެ ސަބަބުން، ވަކިވަކިން ކުރެވޭ ކަންކަމުގެ ބަދަލުގައި، މުޅި ގައުމަށް އަމާޒުކޮށްގެން ނިޒާމީ ސިފައެއްގައި މި މަސައްކަތް ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.