މޯލްޑިވްސް 2.0 ގެ ބޭނުމަކީ އީ ވޯޓިންއެއް ނޫން: އިހުސާން
އަހުމަދު ނިހާން
10 މެއި 2025 - 10:38
0 comments
މޯލްޑިވްސް 2.0 އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ރޭ ވާހަކަ ދައްކަވަނީ.--
ދިވެހި ދައުލަތުގެ ހުރިހާ ހިދުަތެއް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު "މޯލްޑިވްސް 2.0"ގެ ބޭނުމަކީ އިލެކްޓްރޯނިކް ވޯޓިން ތައާރަފް ކުރުން ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރާއްޖެ ޑިޖިޓަލް ކުރުމުގެ މައިގަނޑު ބޭނުމަކީ އީ ވޯޓިން ތައާރަފުކޮށް، އިންތިހާބު އޮޅުވާލުން ކަމަށް އިދިކޮޅު އެމްޑީގެ ސަރުކާރުގައި ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފް ރޭ ވިދާޅުވުމާ ގުޅިގެންނެވެ."އިލެކްޓްރޯނިކް ވޯޓުލާ ގައުމުތަކުން ވެސް، ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކާ އެކު، މިހާރު އެ ގެންދަނީ އެ ނިޒާމު ބަދަލުކުރަމުންނެވެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފު ވިދާޅުވި އެވެ.މަހުލޫފުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ "މޯލްޑިވްސް 2.0" ގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލުމުގެ އިތުރުން ހަރަދުތައް ކުޑަކުރުމާއި ހިދުމަތްތައް އަވަސްކުރުން ކަމަށެވެ."ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމެވެ. އީވޯޓިންއެއް ނޫނެވެ،" މިނިސްޓަރު ވިދާޅުވި އެވެ.ފާޑުކިޔުންތަކާ ގުޅިގެން މިނިސްޓަރު އިހްސާން ވިދާޅުވީ އޭނާއަކީ "މޯލްޑިވްސް 2.0" އިފްތިތާހް ކުރުމުގެ ހުރިހާ މަރުހަލާއެއްގައި ރައީސްގެ އަރިހުގައި މަސައްކަތް ކުރެއްވި ވަޒީރެއްް ކަމަށެވެ. ރައީސް އަބަދުވެސް ތަކުރާރު ކުރައްވާ އެއް ވާހަކަފުޅަކީ އީ ވޯޓިން ފިޔަވައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ހިދުމަތެއް ދެވޭ ގޮތަށް "މޯލްޑިވްސް 2.0" ކުރިއަށް ގެންދިއުން ކަމަށެވެ.
މިމަސައްކަތުގެ ފަހަތުގައި އޮތީ ކޮރަޕްޝަން ނައްތާލުން ކަމަށްވެސް އިހްސާން ވިދާޅުވި އެވެ.
"ރައީސް އަރިހުގައި އެސްޓޯނިއާއަށްވެސް ދެވި އަދި ރޭގެ ޖަލްސާގައިވެސް ބައިވެރިވެވި އިއްތިފާގުން މޯލްޑިވްސް 2.0 އިމްޕްލިމެންޓްކުރުމުގެ ޒިންމާވެސް އޮތް ވަޒީރުގެ ހައިސިއްޔަތުން ދަންނަވާލަމެވެ. އެސްޓޯނިއާގައިވެސް އަދި ރޭގައިވެސް ރައީސް ތަކުރާރުކުރެއްވި އެއް ވާހަކަފުޅަކީ އީ ވޯޓިން ފިޔަވައި އަޅުގަނޑުމެން އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ޚިދުމަތެއް ދޭންވާނެ ކަމަށެވެ،" ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.
އިހްސާން އިތުރަށް ވިދާޅުވީ ރާއްޖެ ޑިޖިޓަލް ކުރުމުން ހިންގުމަށް މިހާރު ކުރާ ހޭދަވެސް ވަރަށް ބޮޑަށް ކުޑަކުރެވި ހިދުމަތްތައް އަވަސް ކުރެވޭނެ ކަމަށެވެ.
"[މިމަޝްރޫއުގެ ބޭނުމަކީ] ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމެވެ. އީވޯޓިންއެއް ނޫނެވެ. ބައެއް ކަންކަމަކީ ގައުމަށްޓަކައި ސިޔާސީ ދެބަސްވުން އެއްކިބާ ކުރަންޖެހޭ ކަންކަމެވެ. މިއީ އެފަދަ ކަމެކެވެ." އިހްސާން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ޝުއޫރު