ގައުމުގެ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ދޮގު ފެތުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ ހައްގު ފުލުހުންނަށް އޮންނާނެކަމަށްހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން 'އަދަދު' ނޫހުގެ އޮފީހަށް ރޭގެ ވަގުތެއްގައި ވަދެ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަނީ ގެންގޮސްފަ އެވެ. އެއީ 'އައިޝާ' ގެ ނަމުގައި އަދަދު ނޫހުން ދެއްކި ޑޮކިއުމަންޓްރީއާ ގުޅިގެން ހެކި ހޯދުމަށް ކަމަށް ބުނެ ހިންގި އޮޕަރޭޝަނެކެވެ.އެކްސްގައި އިނގިރޭސިބަހުން ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭކަމަށާއި ނަމަވެސް އެއީ މީހުންގެ އަބުރުކަތިލަން އޮތް މިނިވަންކަމެއް ނޫން ކަމަށެވެ. ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާ ބެހޭ ގޮތުން ހުރި ބައެއް މާއްދާތަކުގައި އެކަން އޮތް ގޮތް މިނިސްޓަރު އެއާ އެކު ލިއުއްވި އެވެ.
"ސީރިއަސް ތުހުމަތުތައް ހަދަހަދައިގެން ފެތުރުމަކީ ނޫސްވެރިކަމެއް ނޫން. ފުލުހުން ދަމަހައްޓަމުން އެދަނީ ގާނޫނުގެ ބާރާއި ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގެންފައިވާ ހައްގުތައް،" އިހުސާން ވިދާޅުވި އެވެ.
ޒިންމާދާރުކަމާ އެކު މިނިވަންކަން ބޭނުންކުރުމަކީ ޖަވާބުދާރީކުރުވުމާ އެކުގައި ހިނގާ ކަމެއް ކަމަށާއި "ގާނޫނަށް ވުރެ މަތީގައި އެކަކު ވެސް ނެތް" ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.އިއްޔެ ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ނޫހުން ނެރުނު ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތުކޮށްފައިވާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ އެ ވާހަކަތައް ފެތުރި ފަރާތްތަކާ ދެކޮޅަށް ދަޢުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ ކުރިން ވެސް ހަމަ އެ ނޫހުން އެމަނިކުފާނާ ގުޅުވައި ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރާފައިވާ ކަމަށް ވިދާޅުވެ މިފަހަރުގެ އަމަލުގެ ސަބަބުން ހައިރާންވެވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.