ޚަބަރު
މޯލްޑިވްސް 2.0 އަކީ އީވޯޓިން ގެނެސް އިންތިހާބުތައް އޮޅުވައިލުމުގެ ފެށުން: މަހުލޫފް
ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމުގެ ނަގައި މިރޭ މޯލްޑިވްސް 2.0ގެ ނަމުގައި ރަސްމީކޮށް އިފްތިތާހުކުރެވުނީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ރޭ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާހް ކުރި ޕްރޮގްރާމެކެވެ. މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ހިދުމަތް ދިނުމުގެ އަމާޒު ހާސިލުވާ ގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އާ ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަން ފަށާ މަޝްރޫއެކެވެ. މި މަޝްރޫއަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންގީލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް ތިން އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫއެކެވެ.

މަހުލޫފް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވްސް 2.0 ގެ ދަށުން ރިޔާސީ އިންތިހާބާ ދިމާކޮށް އަމާޒު ހިފާނެ އީ-ވޯޓިން ރާއްޖެއަށް ތައާރަފުކުރުމާ އޭނާ ދެކޮޅު ކަމަށެވެ.

"ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި މިރޭ މޯލްޑިވްސް 2.0 ނަމުގައި ރަސްމީކޮށް އިފްތިތާހުކުރެވިގެން އެދިޔައީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް. ހަމަގައިމުވެސް އަޅުގަނޑު އެކަކަށް އެކަމާ ސީދާ ދެކޮޅު ހަދަން،" އޭނާ ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ދެ ގަޑިއިރު ތެރޭގައި ސާފުވެ، ޔަގީންކަމާ އެކު ބޭނުން މީހަކަށް ވޯޓު ދިނުމާ އެކު ވޯޓު އޮޅުވާ ނުލެވޭނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް ކަމަށެވެ.

އީ-ވޯޓިން ނިޒާމަށް ގައުމުތަކުން ވެސް ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކާއެކު އެ ނިޒާމު ބަދަލު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް 2.0އާ ގުޅޭ ސަމިޓު ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މޯލްޑިވްސް 2.0 ގެ ޑިޖިޓަލް ބަދަލަކީ ރާއްޖެއިން ކޮރަޕްޝަން ނައްތައިލައި، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރު ހިންގުމަށް ކޮންމެހެން މުހިންމު ހެޔޮ ބަދަލެއް ކަމަށް ވިދާޅުވެފައެވެ.

ހޯމްލޭންޑް ސެކިއުރެޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ މޯލްޑިވްސް 2.0 އަކީ މުޅި ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން ދައުލަތުގެ ތިން ބާރު ވެސް ފުރިހަމައަށް ބައިވެރިވާގޮތަށް ފަރުމާކޮށްފައިވާ ސިޔާސަތެއް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު