ޚަބަރު
ކުރިއަށް އޮތް ދެ އަހަރު ހުރިހާ ޕްރޮޖެކްޓެއް ފަށާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ރައީސް ތޮއްޑުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ވައުދާ އެއްގޮތަށް، ކުރިއަށް އޮތް ދެ އަހަރު ތެރޭ ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ރައީސް މުއިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މަޝްރޫއުތައް ނުހިނގާ އޮތީ މިދިޔަ މަޖިލީހުން ފާސްކުރި ބަޖެޓުގައި އެ ފުރުސަތު ލިބިފައި ނެތުމުން ކަމަށެވެ. އެއީ، އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅެކެވެ.

މަޝްރޫއުތަކަށް ކުދިކުދި އަދަދުތައް ބަޖެޓުކޮށްފައި ހުރިކަމަށާއި އެ އަދަދުތަކުން މަޝްރޫއުތައް ނުހިންގޭ ކަމުގެ ކަންބޮޑުވުން ރައީސް ތަކުރާރުކޮށް ފާޅުކުރެއްވި އެވެ.

"މިހާރު އެ އޮތީ އަޅުގަނޑުމެންނަށް ރައްޔިތުންނަށް ކަންތައް ކޮށްދެވޭގޮތަށް އަންނަ އަހަރު މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ފާސްކުރި ބަޖެޓު. ދެހާސް ފަންސަވީސް ވާނީ އަޅުގަނޑު ރިޔާސީ އިންތިހާބުގައި ރަށްރަށަަށް ގޮސްވީ ވައުދުތައް ފުއްދައިދޭ އަހަރަކަށް. ބަނދަރު، ސްކޫލު، ކުޅިވަރާ ބެހޭ ތަންތަން، މިހެން ގޮސް ވައުދު ވެފައިވާ ހުރިހާ މަސައްކަތެއް، ކުނި މެނޭޖް ކުރުމުގެ މަސައްކަތް، ސްކޫލުތައް މަރާމާތުކުރުން. ތަރައްގީގެ މި ދެންނެވި މަސައްކަތްތައް އަންނަ އަހަރު ފަށާނެ،" ރައީސް ވިދާޅުވި އެވެ.

ހިދުމަތް ދިނުމުގައި އެއްވެސް ރަށެއް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވި އެވެ.

އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މިދިޔަ މަހުގެ 27 ގައި ވަނީ ފާސްކޮށްފަ އެވެ. ރަށްރަށުގެ ޕްރޮޖެކްޓްތަކުގެ ތަފްސީލެއް ބަޖެޓަކު ނެތެވެ. އަންނަ އަހަރުގެ ބަޖެޓު މި އަހަރުގެ ބަޖެޓަށްވުރެ 1.6 ބިލިއަން ބޮޑެވެ. މި އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާއަށް އެރި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު