ޚަބަރު
ބޭރު ފައިސާގެ މާރުކުރަން ލާޒިމް ކުރާ ބިލް މަޖިލީހަށް ހުށަހަޅައިފި
ރާއްޖޭގައި ބޭރު ފައިސާ ގެންގުޅުމާއި ޖަމާކުރުމާއި މާރުކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ބޭރު ފައިސާއާބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ތައާރަފުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަލާހް އެވެ.

ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތަކާ ބެހޭ އުސޫލުތައް ބަޔާންކުރާ މި ބިލުގައިވާ ގޮތުން ރާއްޖޭގައި ކުރެވޭ ހުރިހާ މުއާމަލާތްތަކެއް ހިންގަންވާނީ ރުފިޔާއިންނެވެ. ނަމަވެސް ބޭރު ފައިސާއިން މުއާމަލާތްކުރެވޭނެ ބައެއް ހާލަތްތައް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.  

އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި، މާލީ އިދާރާތައް ފިޔަވައި އެހެން ވިޔަފާރިއަކުން ވިއްކާ މުދަލާ ހިދުމަތަށް މާލީ އަހަރެއްގެ ތެރޭގައި މަދުވެގެން 15 މިލިއަން ޑޮލަރު ލިބޭ ވިޔަފާރިތަކުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކެއްގައި ހުންނަ އެކައުންޓަކަށް ޖަމާކުރަންޖެހޭނެ އެވެ. 

އަދި އެ ގާނޫނުގެ ދަށުން ވިޔަފާރިތަކުން މީރާއަށް ހުށަހަޅާ ހިސާބުތަކާއި ލިޔެކިޔުންތަކުގެ މައުލޫމާތު އެމްއެމްއޭއަށް ލިބިގަތުމުގެ ބާރުވެސް ދީފައިވެ އެވެ. 

އަދި މި ބިލުގައި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ޓޫރިސްޓު ވިޔަފާރިތައް ދެ ކެޓަގަރީއަށް ބަހާލައި، ފުރަތަމަ ކެޓަގަރީގައި ރިސޯޓުތައް އެކަނި ހިމަނާފއިވެ އެވެ. ދެވަނަ ކެޓަގަރީގައި ޓޫރިސްޓު ހޮޓާތަކާއި ގެސްޓުހައުސްތަކާއި ޓޫރިސްޓު އުޅަނދުތައް ހިމަނާފައިވެ އެވެ. 

ބޭރު ފައިސާ މާރުކުރުން އިސްތިސްނާވާ ފަރާތްތަކާއި ހާލަތްތައް

  • އެ ޓޫރިޒަމް އެސްޓެބްލިޝްމަންޓެއްގައި ގިނަވެގެން 24 ގަޑިއިރު ހޭދަކޮށްފައިނުވާ ޓޫރިސްޓުން
  • ޓޫރިސްޓުންގެ ތެރެއިން އުމުރުން 10 އަހަރު ފުރިހަމަނުވާ ކުޑަކުދިން
  • އެ ޓޫރިޒަމް އެސްޓެބްލިޝްމަންޓެއްގައި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ މީހުން
މީގެ އިތުރުން ސަރުކާރުން ހާއްސަ އިމްތިޔާޒް ދީފައިވާ މެހުމާނުންވެސް އިސްތިސްނާވާނެ ކަމަށް ބިލްގައިވެ އެވެ. 

އާ އުސޫލާއެކު 500 ޑޮލަރު މާރުކުރުމުގެ ބަދަލުގައި ވިޔަފާރިތަކުން ބޭނުންވާނަމަ އެ ވިޔަފާރިތަކަށް ލިބުނު އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިހުތިޔާރު އޮންނާނެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު