ސީރިއާގެ ވެރިކަމުން ދުރުކުރި ބައްޝާރުގެ ބައްޕާފުޅު، ކުރީގެ ރައީސް ހާފިޒުލް އަސަދުގެ ޒިޔާރަތުގައި ހުޅުޖަހައިފި ރޯކޮށްލައިފި އެވެ.
މީޑިއާތަކުން އާންމުކޮށްފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި ހާފިޒްގެ އުފަން ގަރްދާރާގައި ހުންނަ މި ޒިޔާރަތުގައި ހުޅުޖެހިއިރު އެ ތަނުގައި ތިބީ އަސްކަރީ ހެދުމުގައި ތިބި ހަނގުރާމަވެރިންގެ ބައެކެވެ.އަލިފާން ރޯކޮށްލި ޒިޔާރަތް ހުންނަނީ އަސަދުގެ އަލަވީ ކޮމިޔުނިޓީގެ ބާރުގަދަ ލަޓާކިޔާގައެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ މޮނިޓާއިން ވަނީ ހަނގުރާމަވެރިން އެ ތަނުގައި އަލިފާން ރޯކޮށްފައިވާ ކަމަށް އޭއެފްޕީއަށް އަންގާފަ އެވެ. ޒިޔާރަތުގެ ބައެއް ހަލާކުވެ، އަލިފާން ރޯވެފައި ހުރިތަން އޭއެފްޕީގެ ފޫޓޭޖުން ފެނިފައިވެ އެވެ.ފަރުބަދައެއްގެ މަތީގައި ހަދާފައިވާ އެ ބޮޑު އުސް ބިނާއަކީ ވަރަށް ތަފާތު އާކިޓެކްޗަރަލް ޑިޒައިނަކާ އެކު، އޭގެ ބޭރުގައި ހިލައިން ޒީނަތްތެރިކޮށްފައިވާ ތަނެކެވެ.ހާފިޒްގެ އިތުރުން، ސީރިއާގެ ވެރިކަން ހަވާލުކުރުމަށް ތައްޔާރުކުރަމުން ގެންދަނިކޮށް 1994 ވަނަ އަހަރު މަގުމަތީގެ އެކްސިޑެންޓެއްގައި އަވަހާރަވި، ބައްޝާރުގެ ކޮއްކޮ ބާސިލް އާއި އާއިލާގެ އެހެން ބައެއް މެމްބަރުންގެ މަހާނަތައް ވެސް އެތަނުގައި ހުރެ އެވެ.އަސަދު ދަރިކޮޅުގެ 54 އަހަރުވީ ވެރިކަން ވައްޓާލައި، އިސްލާމީ ޖަމާއަތް، ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އިސްކޮށް ހަރަކާތްތެރިވާ ހަނގުރާމަވެރިން ވަނީ ސީރާގެ ވެރިކަމަށް ވެރިވެގެންފަ އެވެ. ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގެންނެވި އަސަދާއި އޭނާގެ އާއިލާއަށް ވަނީ ރަޝިޔާ އިން ހިމާޔަތް ދީފަ އެވެ.ސީރިއާގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި، ކުރީގެ ރައީސް ހާފިޒާއި އެ މަނިކުފާނުގެ ދަރިކަލުން ބައްޝާރުގެ ސޫރަތަކާއި ޕޯސްޓަރުތައް ވެސް ވަނީ ވައްޓާލައިފަ އެވެ.ކުރިން 2،000 ވަނަ އަހަރު ހާފިޒް އަވަހާރަވުމާ ހަމައަށް 30 އަހަރު ވަންދެން ސޫރިއާގައި ވެރިކަން ކުރެއްވިއިރު، އެ މަނިކުފާނުގެ ފަހަތުން ވެރިކަމަށް ވަޑައިގަތީ ދަރިކަލުން ބައްޝާރުލް އަސަދު އެވެ.މީގެ 13 އަހަރު ކުރިން، 2011 ވަނަ އަހަރު އަސަދު ވަނީ ޑިމޮކްރަސީއަށް ތާއީދުކުކޮށް ސުލްހަވެރި އެއްވުންތައް އަނިޔާވެރިގޮތަކަށް ރޫޅާލައިފަ އެވެ. އަދި އެއާ އެކު ނުރައްކާތެރި ދާހިލީ ހަނގުރާމައެއް މުޅި ގައުމުގައި ފަށައި، ބައި މިލިއަނަށް ވުރެ ގިނަ މީހުން މަރުވެ، 12 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ.ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން 2022 ވަނަ އަހަރު ނެރުނު އަންދާޒާގައި ވާގޮތުން 2011 ވަނަ އަހަރުގެ މުޒާހަރާތަކަށް ފަހު ސީރިއާގެ ޖަލުތަކުގައި ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ލާއިންސާނީ އަނިޔާގެ ސަބަބުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.އަސަދުގެ ވެރިކަން ވައްޓާލުމާ އެކު އެތައް ހާސް ބަޔަކު ވަނީ، އެންމެ ނުރައްކާތެރި އަދި އަނިޔާވެރިކަން ބޮޑު ކަމަށް ބުނާ ސައީދުނާޔާ ޖަލަށް ޖަމާވެފަ އެވެ. އެއީ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނާ ގޮތުގައި 30،000 މީހުން ބަންދުކޮށްފައި ތިބި ތަނެކެވެ.