
އެމެރިކާއިން ބުނާގޮތުގައި ޔަމަނުގެ އައްސޭރިފަށުގައި މުދާ އުފުލާ ބޯޓަކަށް ބެލިސްޓިކް މިސައިލަކުން ހަމަލާދީފައިވާ ކަމަށާ، ހަމަލާ އަމާޒުވީ ޖިންރޯލްޓާ އީގަލް ނަމަކަށް ކިޔާ ބަލްކު ކެރިއަރ ޝިޕަކަށެވެ.އެމެރިކާގެ މެދުއިރުމަތީގެ އަސްކަރީ ކޮމާންޑް (ސެންޓްކޮމް) އިން ބުނާ ގޮތުގައި އެޖަމަލާގައި ބޯޓުގެ އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށާ މާބޮޑެތި ގެއްލުންތަކެއް ނުވެއެވެ.މާޝަލް އައިލެންޑްސްގެ ދިދަ ޖަހާފައިވާ މި ބޯޓު ދަތުރު ކުރަމުންދަނީ ގަލްފް އޮފް އަދަނައިންނެވެ. ޝިޕިން ކުންފުނި އީގަލް ބަލްކް ޝިޕިން އިން ބުނީ ހަމަލާ އަމާޒުވި ވޯޓުގައި ބަރުކޮށްފައިވަނީ ދަގަނޑު އުފެއްދުންތަކެއް ކަމަށާއި އެ ހަމަލާ އަމާޒުވީ ގަލްފް އޮފް އަދަން ކަނޑުގެ ގާތްގަނޑަކަށް 160 ކިލޯމީޓަރު (100 މޭލު) ދުރުގައި ކަމަށެވެ.ހަމާސްއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ހޫތީން އަންނަނީ ނޮވެމްބަރު މަހުން ފެށިގެން ރަތްކަނޑުގައި ހުޅަނގުގެ ބޯޓުތަކަށް ހަމަލާދެމުންނެވެ. ހޫތީންގެ ހަމަލާއިން ރަތްކަނޑު ރައްކާތެރިކޮށް އަމާން ކުރުމަށް އިނގިރޭސި/އެމެރިކާގެ އަސްކަރީ ގުޅުންތަކުން އަންނަނީ ފޯރި މަރަމުން ނެވެ.އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް ރޭ އެގައުމުގެ ޕާލިމެންޓްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހޫތީންގެ ކިބައިން ރަތްކަނޑު ސަލާމަތް ކުރުމަށް "ކުޑަ" ހަގުރާމައެއް ކުރަން ޖެހުނަސް އެކަމަށް އިނގިރޭސި ފައުޖުތަކުން ތައްޔާރުކަމަށާއި ހޫތީންގެ ހަމަލާތައް މަޑުނުޖެހިއްޖެނަމަ ރައްދު ހިތިވާނެ ކަމަށެވެ.އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ހޫތީން ދޭ ހަމަލާތައް ހުއްޓާ ނުލަނީ އީރާނުގެ އަސްކަރީ އެހީ ލިބޭ ތީ ކަމަށާއި ރަތް ކަނޑުގެ އަމާންކަމަށް އީރާން އިސްނަގަން ޖެހޭ ކަމަށެވެ. އީރާނަށް ހޫތީން މައިތިރި ނުކުރެވިއްޖެ ނަމަ ދެން އެކަން ކުރާނެ ގޮތް ނިންމާނީ "ޕެންޓަގަން" އިން ކަމަށެވެ.ފަލަސްތީނު ހަނގުރާމަ ފެށުނީއްސުރެއް މިއަދާ ހަމައަށް ރަތް ކަނޑުން ދަތުރު ކުރި އުޅަނދުފަހަރަށް އަމާޒުކޮށް 32 ހަމަލާ ހޫތީން ދީފައިވާ ކަމަށް އެމެރިކާއިން ބުނެފައިވެ އެވެ.ރަތް ކަނޑުން ދަތުރު ކުރާ ހޫތީންނާ ގުޅުން އޮންނަ ނުވަތަ އިޒްރޭލަށް މުދާ އުފުލާ ބޯޓުފަހަރަށް ހޫތީން ހަމަލާ ދޭން ފެށީ އިޒްރޭލުން ގާޒާގައި ހިންގާ ގަތުލުއާންމުތަކަށް ބަދަލު ހިފުމުގެ ގޮތުންނެވެ. ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ކުރާ އެ ޖަމާއަތުން ބުނެފައި ވަނީ އިޒްރޭ؛ލުން ގާޒާއަށް ދޭ ހަމަލާތައް ހުއްޓާލައި އެކަށީގެންވާ އެހީ ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުން ނޫނީ، އިޒްރޭލާ ގުޅުން އޮންނަ އުޅަނދުފަހަރަށް ރަތް ކަނޑު އަމާން ނުވާނެ ކަމަށެވެ.