ޚަބަރު
ރޯވި ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް
އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ބޭނުންނުކުރެވޭ ވަރަށް ގެއްލުންވި ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލު ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ ހިންގާ އިމާރާތް ވަނީ އަނދައި ހުލިވެފަ އެވެ. އެކަމާ ގުޅިގެން އެ އިމާރާތުގައި ހިންގަމުން އައި ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން އެންޑް އިފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ މަސައްކަތްތައް ވަނީ މެދުކަނޑާލައިފަ އެވެ.

އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ ކަންކަން މިހާރު ކުރަމުން އަންނައިރު، އެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދެނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ.

މީގެ 34 އަހަރު ކުރިން ރާއްޖޭގައި ބޭއްވި ފަސް ވަނަ ސާކް ސަމިޓަށް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްނެންގެވުމަކަށް ހެދި ދަރުބާރުގެއަކީ ކުއްލި ހާލަތްތަކުގައި ސަރުކާރުގެ އެކި ކަންކަމަށް އާންމުކޮށް ބޭނުންކުރާ އިމާރާތެކެވެ. އެންމެ ފަހުން މުޅި ދަރުބާރުގެ އެއްކޮށް ބޭނުންކުރީ ކޮވިޑް-19 އާ ގުޅިގެން އިމަޖެންސީ ސެންޓަރު ހިންގާށެވެ. ގާތްގަނޑަކަށް ހަތަރު އަހަރު ވަންދެން ކޮވިޑާ ގުޅޭ ކަންތައްތަކުގައި ދަރުބާރުގެ ބޭނުންކުރި އެވެ.

އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވީ ނަމަވެސް, ގެދޮރުވެރިޔާ ސްކީމާ ގުޅޭ ލިޔެކިޔުމަށް އޭގެ އަސަރެއް ނުކުރާނެ ކަމަށް އެ މިނިސްޓްރީން އިއްޔެ ބުންޏެވެ. އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ލިޔެކިޔުމާއި މައުލޫމާތަކީ އެ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ހާދިސާގައި އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދައިފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ގެތަކުން ނުކުންނަން ޖެހިފައިވާ 50 މީހަކަށް އިއްޔެ ވަނީ ސޯޝަލް ސެންޓަރުން ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިއެއް ނޭނގެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު