ޚަބަރު
ހައުސިން މިނިސްޓްރީއަށް ނޭނގި ޖަރީމާ ނުހިންގޭނެ، ހައިދަރު ދުރުކުރަންޖެހޭ: އެމްޑީޕީ
މިދިޔަ ސަރުކާރުގައި މާލޭ މީހުންނަށް ގޯތި ދޭން ހިންގި 'ބިންވެރިޔާ' ސްކީމްގައި ނުހިމެނޭ ފަރާތަކަށް ގޯތި ދެވޭނީ ހައުސިން މިނިސްޓްރީއަށް ވެސް އެނގިގެން ކަމަށާއި އެ މިނިސްޓްރީއަށް ނޭނގި އެކަން ނުކުރެވޭނެ ކަމަށް މިިދިޔަ ސަރުކާރުގެ ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

އެޗްޑީސީގެ "ވަގު" މުއާމަލާތާ" ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މި މައްސަލަ އަކީ ހައިދަރު މަގާމުން އިސްތިއުފާ ވެސް ދެއްވަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

"ހައިދަރުގެ އިސްތިއުފާއަށް އަޅުގަނޑު ގޮވާލަން ވަގުތުން ވަގުތަށް. ރައީސް ޖެހޭނެ އޭނަ ސަސްޕެންޑު ކުރައްވަން ވެސް މައްސަލަ ބަލާ ނިމެންދެން." އޭނަ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ގޯތިތަކުގެ ޕްލޮޓް ނަންބަރުތައް އެޗްޑީސީއަށް އެނގޭނީ އެ ނަންބަރުތައް ހައުސިން މިނިސްޓްރީން ހިއްސާ ކުރުމުން ކަމަށް ގަބޫލު ކުރެބޭ ކަމަށާއި 'ބިންވެރިޔާ" ސްކީމުން މި ސަރުކާރުން ހިންގި ވައްކަމުގެ ހުރިހާ ތަފްސީލެއް ވެސް ހައުސިން މިނިސްޓްރީ އަށް އެނގޭނެ ކަމަށެވެ.

"ހައުސިން މިނިސްޓްރީން މިކަން ހިންގެވިއިރު، ހައުސިން މިނިސްޓްރީއަށް ސީދާ އެނގިވަޑައިގަންނަވާނެ ހުރިހާ ތަފްސީލެއް. އެ ނޭނގޭނެ އެޗްޑީސީއަކަށެއް މިދެންނެވި ޕްލޮޓްތަކުގެ ނަންބަރުތަކާ އެއްޗިއްސެއް، ހުސްކޮށް ޕްލޮޓްތަކުގެ،" އަކްރަމް ވިދާޅުވި އެވެެ. "އެހެންވީމަ އެ މައުލޫމާތު ހައުސިން މިނިސްޓްރީން ޝެއާ ނުކުރަންޏަކާ އެޗްޑީސީއަކަށް އެ މައުލޫމާތެއް ނޭނގޭނެ."

މި މައްސަލަތައް ފެންމަތިވުމާ ގުޅިގެން އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސްގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ކަންކަން ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔައީ ވަރަށް ބޮޑަށް ރާވައިގެން އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެއްބާރުލުން ދޭން ޖެހޭ ގޮތަށް ކަމަށާއި ކަންކަން ރާވާފައި ހުންނާނީ ގޯސްކޮށް ނުދާނެ ގޮތަށް ކަމަށެވެ.

"ހައުސިން މިނިސްޓްރީން، ގޯތި ލިބޭ މީހުން ކަނޑައަޅައި ގޯތި ހަވާލުކޮށްފައި އަޅުގަނޑުމެން އެޗްޑީސީއަށް ފޮނުވާނީ ލިސްޓެއް. އެގޮތަށް ފޮނުވީމަ، އަޅުގަނޑުމެން ގޯތި ހަވާލުކުރީމާ އޭގެ ފަހުން އެޗްޑީސީން ފާރު ވަކިކުރުމުގެ ހުއްދަތައް ދޫކުރާނީ،" ގޯތި ދޫކުރުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވި އާރިފް ވިދާޅުވި އެވެ.

ހައްގު ނޫން ގޯތީގެ މައްސަލަ ފެންމަތިވުމާ އެކު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވީ ދެ ގޯއްޗެއްގެ މައްސަލަ ފެންމަތިވީ ދެ ފަރާތަކުން އެއް ގޯއްޗެއްގައި ވަށާފާރު ރޭނުމުގެ ހުއްދަ ހޯދަން ހުށަހެޅި ހިސާބުން ކަމަށެވެ. އޭގެ ކުރިން އެ ގޯތީގެ ހުއްދަ ފުރަތަމަ ހުށަހެޅި ފަރާތަށް ދޫކޮށްފައިވާ ކަމަށާއި ނަމަވެސް މައްސަލަ ފެންމަތިވުމާ އެކު، ހުއްދަ ބާތިލްކޮށްފައިވާ ކަމަށް ފަޒުލް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް އޮތީ ކަނޑައަޅައިފަ އެވެ. އެކަމަކު އޭނާ އަށް ގޯތި ލިބިފައިވާ ކަމަށް ބުނާ ރަޖިސްޓްރީއާ އެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް އެޗްޑީސީގައި އޭނާ އެދުނީ އެވެ.

އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް ފިޔަވައި އެހެން ހުރިހާ ބޯޑު މެމްބަރުން ވެސް މިއަދު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އޭގެ ތެރޭގައި ފަޒުލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީގެ ބޯޑުން ވެސް ވަނީ ތަހުގީގަށް އެހީތެރިވުމުގެ ގޮތުން ފަޒީލް ސަސްޕެންޑުކޮށްފައިވާކަން ހާމަކޮށްފަ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމައިފައިވެއެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

ގެދޮރުވެރިޔާ ސްކީމުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 15،000 އަށްވުރެ ގިނަ މީހުނަށް ފުލެޓު ދިނުމަށް އެމްޑީޕީ ސަރުކާރުން އޮތީ ނިންމައިފައެވެ. އޭގެ ތެރެއިން ފުރަތަމަ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓެއް އެމްޑީޕީ ސަރުކާރުގައި ނެރުނު ނަމަވެސް، އެ ލިސްޓުން މައްސަލަތަކެއް ފާހަގަވެ، އޭސީސީން މައްސަލަ ބަލާތީ ފުލެޓު ދިނުން ލަސްވި އެވެ.

އެ މައްސަލަތަކާ ގުޅޭ ގޮތުން ގޮތް ނިންމަން ހައުސިން މިނިސްޓްރީއާ ހަވާލުކުރުމުން، ފުލެޓު ލިސްޓު މުރާޖާ ކުރަން ކޮމިޓީއެއް އެކުލަވައިލީއެވެ. އެ ކޮމިޓީން ބަލައި، ލިސްޓު އާންމުކުރަން އެންމެ ފަހުން ދިން ތާރީޚަކީ މިދިޔަ މަހުގެ 16 ކަމަށްވާއިރު، އެ ތާރީޚަށް ވެސް މަސައްކަތްތައް ނުނިމި މިހާރު ފުލެޓު ލިބޭ ފަރާތްތައް ކަށަވަރު ވާނެ ދުވަހެއް އޮތީ ނޭނގިފަ އެވެ.

ގޯއްޗާއި ފްލުޓު ދިނުން ލަސްވާތީ ނުރުހުން ފާޅުކޮށް، މާލޭގައި މީގެ ކުރިން މުޒާހަރާތައް ވެސް ބާއްވާފައިވެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު